އިބްރާހިމް ހަމީދު
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ އެއްވަނަ ދުވަސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުންވަނީ ނިންމަވާފައެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމުގެ ސަބަބުން މަސައްކަތްތެރިންގެ ވާހަކަ ދެއްކުމަށް އައު ދުވަހެއް މިވަނީ ހަމަޖެހިފައެވެ.
މިފަދަ ދުވަހެއް ރާއްޖޭގައި ފާހަގަކުރާއިރު، ގައުމުގެ މަސައްކަތެރި އާބާދީގައި ވަކި ހިއްޕަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ވާހަކަ ދައްކަންޖެހެއެވެ. ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުން ފެށިގެން ކަންމަތީ ފިހާރައިގެ ސޭޓެއްގެ ވަޒީފާގައިވެސް ބިދޭސީ މަސައްކަތު މީހުންވަނީ ވަކި ހިއްޕާލާފައެވެ. ދިވެހިންނަކީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންއައި ބަޔަކަށްވީނަމަވެސް މިއަދު މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ.
ބިދޭސީ މަސައްކަތު މީހުންގެ ވާހަކަ ދައްކާއިރު އެމަގާމުތަކަށް ދިވެހިން ނުލިބޭކަމުގެ ޝަކުވާ ވަޒީފާދޭފަރާތްތަކުން ކުރާއިރު އެފަދަ މަގާމުތަކަށް އަންނަ ދިވެހިންނަށް ދޭއުޖޫރައިގެ ވާހަކަ ދައްކަނީ މަދުބައެކެވެ. ބިދޭސީ މަސައްކަތު މީހުން ގައުމުގެ ހުރިހާ ދިމާއަކަށް ފެތުރިފައިވާއިރު އެފަދަ މަގާމުތަކަށް ދިވެހިން ތަމްރީނު ކުރެވިފައި ނުވާކަންވެސް ފާހަގަކުރަންޖެހެއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. ކޮންމެ އަހަރަކު ސްކޫލުނިމިގެން އެތައް ޒުވާނުންނެއް ނުކުންނައިރު އެޒުވާނުންނަށް މަސައްކަތުގެ މާހައުލުން ތަމްރީނުތަކެއް ދެވިފައިނުވާކަން މިއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ޘާނަވީ ތައުލީމުނިންމާ މަތީ ތައުލީމާ ހިސާބަށް ނުދެވިތިބި ކުދިން ރަށުތެރެއަށް ގިނަވެ، މަސްތުވާތަކެއްޗާއި ދިމާއަށް ނުވަތަ ވައްކަންކުރުމާއި ގޯސް އަހުލާގުގެ ކުދިބަޔަކަށް ވުމުގެ ފުރުޞަތުބޮޑުކަން މިއީ ތަކުރާރުކޮށް ފެންނަމުންދާ މަންޒަރެކެވެ.
މިއީ ހަމައެކަނި މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ގައުމުގެ މަސައްކަތްތެރި އާބާދީގެ މެޖޯރިޓީ ބިދޭސީންގެ އަތްމައްޗަށް އެނބުރެމުންދިއުމާ، މަދުރަސީ ދައުރުނިންމުމަށްފަހު ނިކުންނަ ކުދިންނަށް މަސައްކަތުގެ ތަޖުރިބާ ދެވިފައިނުވުމަކީ އިއްޔެ ނުވަތަ މިއަދު ދިމާވި މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ބޮއްސުންލަމުންދާ ކަންކަން އަވަހަށް ހައްލުކުރުމުގެ ގާބިލުކަން އަދި އެހިތްވަރު ހުރި ވެރިޔަކާ މިއަދު މިގައުމު ހަވާލުކުރީ އުއްމީދުތަކަކާއެކުގައެވެ.
ކުޅުދުއްފުށީގެ ހާލަތައްބަލާއިރުވެސް މަސައްކަތެއް ނެތިފައިތިބޭ މީހުން ގިނަވެ، ވަޒީފާތަކަށް ބިދޭސީން އަންނަމުންދާކަން ފާހަގަކުރެވެއެވެ. ވަޒީފާތަކަށް ބިދޭސީ މަސައްކަތު މީހުން އަންނައިރު ފިލައިގެން ގަވާއިދާހިލާފަށް އުޅޭ ބިދޭސީންނަށް ރަށްފުށުގެ ދިރިއުޅުމަކީ އެމީހުންނަށް ފަސޭހައިން މަސައްކަތްލިބި މުއްސަނދިވެވޭނެ ގޮތެއްކަމަށް އެމީހުން ގަބޫލުކުރެއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސައްކަތްތަކަށް ދިވެހި ޒުވާންޖީލު ލޯބި ޖެއްސުމަކީ ގައުމުގެ ހުންގާނުގައި ތިބި މީހުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޒިންމާތަކުން ރެކި މާޒީގެ ބޮލުގައި ހުރިހާ މައްސަލައެއް އެޅުވުމަށްފަހު ކުރިމަގު ހަލާކުވާން ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ދިވެހި ރައްޔިތުންނަކީ މަސައްކަތްތެރި އަދި ގައުމުގެ އުފެއްދުންތެރިކަމުގައި އެކަށީގެންވާ މިންވަރަކަށް ހިއްސާވާ ބަޔަކަށް ހެދުމަކީ މިއަދު ގައުމީ ފެންވަރެއްގައި މިދުވަސް ފާހަގަކޮށްގެން ވިޔަސް ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެކެވެ.