ރާއްޖޭގެ މަރުކަޒީ އިދާރާގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ހެނދުނު ނަސީރު ވަނީ އެމްއެމްއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.
ގަވަރުނަރުކަމުގައި ހުންނަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ނަސީރު އިސްތިއުފާ ދެއްވީ އެމްއެމްއޭގެ އެތެރޭގެ ބައެއް ކަންކަން އުސޫލުން ބޭރުން ކުރަައްވާފައިވާ ކަމުގެ ތުހުމަތު އެޅި، އެކަމާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެންފައި ވަނިކޮށެވެ.
މީގެ އިތުރުން ނަސީރާ ދެކޮޅަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަދި ޑެޕިއުޓީ ގަވަރުނަރު އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އޭގެ ތެރޭގައި މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަކަށް ބޮޑު އަަދަދުތަކުން ފައިސާ ޖަމާވެ، އެ ފައިސާ ނެގި މައްސަލާގައި އެފްއައިޔޫ އިން ފުލުހުންނަށް ހުށައެޅި މައްސަލައިގެ ތެރެއަށް ވެންނެވުމުން ހިމެނެ އެވެ.
އަޝްރަފް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީރު އޭނާއާ ފޯނުން ވާހަކަ ދެއްކެވުމުގެ އިތުރުން އެމްއެމްއޭގެ ޓެރަސް މަތީގައި ވެސް ބައްދަލުކުރެއްވި ކަމަށެވެ. އެ ތިން ފަހަރު ވެސް ވާހަކަ ދެއްކެވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ބާރު އަޅުއްވާ ގޮތަށް ކަމަށް އަޝްރަފް ތުހުމަތުކުރެއްވި އެވެ.
އަދި މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އަޝްރަފް ވިދާޅުވީ ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީ އަށް ހުށަހެޅުއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނަސީރު ވާހަކަ ދެއްކެވި ކަމަށެވެ.
ކޮމިޓީގައި ނަސީރު ވިދާޅުވީ އެ ރިޕޯޓް އޭސީސީ އަށް ފޮނުވުމުން އެކަމާ ބެހޭ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ސާފުކުރެއްވީ މުހިއްމު ސަބަބަކާ ހެދި ކަމަށާއި ވަކި ގޮތަކަށް ކަމެއް ކުރަން ނުވަތަ ނުކުރަން އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު ވަނީ އަޝްރަފާ ދެކޮޅަށް ވެސް ބޮޑެތި ތުހުމަތުތަކެއްކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެފްއައިޔޫގެ މައުލޫމާތުތައް ބޭރަށް ލީކްކުރެއްވުމާއި ސިޔާސީ ބައެއް މީހުންނާ ބައްދަލުކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ.
ރައީސް އޮފީހުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވަރުނަރު ނަސީރުގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.