twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ސްކޫލުން އައިއިރު އިނގިއްޔެއް ބިނދިފަ، ވީގޮތެއް ނޭނގުނު!

އަބްދުލް ވާހިދު ޙަސަން
Jul 25, 2019
11

ކުޅުދުއްފުށީ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ސްކޫލުން ނިމިގެން ގެއަށް އައިއިރު އެ ކުއްޖާގެ އަތުގެ އިނގިއްޔެއް ބިނދިފައިވާ މައްސަލައެއް ފެންމަތިވެއްްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެކަމުގެ މައުލޫމާތު ހޯދުމަށް އެ ކުއްޖާގެ އާއިލާއާ ބައްދަލުކުރުމުން އެ ވާހަކަތައް މީޑިއާއަށް ދިނުމަށް އެ މީހުން ބޭނުމެއް ނުވި އެވެ. އެ ކުއްޖާގެ މަންމަގެ ބަހެއްވެސް ނުލިބުނެވެ.

އެކަމަކު އެ ކުއްޖާގެ އިނގިލީގައި ޕްލާސްޓަރު އަޅައިގެން އާއިލާގެ ދެ މީހަކާއެކު ހޮސްޕިޓަލުން ނިކުންނަނިކޮށް ކޭއޯގެ ދެ ނޫސްވެރިޔަކަށްވެސް ވަނީ ފެނިފަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ އެކުއްޖަކީ 10 އަހަރުގެ ކުއްޖެކެވެ.

އެކަން އެނގޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ކުއްޖާ ސްކޫލަށް ދިޔައިރު އެ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަން ފާހަގަވީ ސްކޫލުން ނިމިގެން ގެއަށް އައުމުން ކަމަށް އެ މީހާ ބުންޏެވެ.

އެ މީހާ ބުނީ އެ ކުއްޖާއަކީ ތަދު އިހްސާސްވުމުގައި މައްސަލަތަކެއް ހުންނަ ކުއްޖެއްކަމުން އެކުއްޖާއަށް ތަދު އިހްސާސް ވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. ސްކޫލް ނިންމާ ގެޔަށް ދިޔުމަށް ނިކުތްއިރުވެސް ކުއްޖާގެ މޫނުމަތިން އެއްވެސް ކަހަލަ އާދަޔާ ހިލާފުކަމެއް ނެތް ކަމަށާއި ނަމަވެސް ގެޔަށް އައިސް ބޫޓް ބަލާން ބުނީމަ، އިނގިޔަށް ދަތުވާ ވާހަކަ އެ ކުއްޖާގެ މަންމަ ގާތު ބުނި ކަމަށެވެ.

"ސްކޫލުން ގެޔަށް އައި ފަހުން އެނގުނީ ވާއަތުގެ ކުޑަ އިނގިލިގައި ކަމެއް ހުރިކަން. ވީގޮތެއް ނޭނގޭ. އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ އޭނާއަށް އެކަން ބުނާކަށް ނޭނގުނު. ދެން އަތް ދައްކާލީ ފެނުނީ ދުޅަވެފަ އޮތްތަން. ކިހިނެތްވީ ކަމެއްހޭ އަހާ ނޭނގުނު ބުނެދޭކަށް." އެމީހާ ބުންޏެވެ.

އޭރު އިނގިޔާއެކު އަތުގެ ވަކި ހިސާބެއް ދުޅަވެފައިވާއިރު އިނގިލި ބިނދިފައިވާކަން އެނގުނީ ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގުމުން ކަމަށެވެ. އެކްސްރޭއިން ފެންނަގޮތުގައި ވާއަތުގެ ކުޑަ އިނގިލީގެ އެންމެ ތިރީ ބަނދަ ބިނދިފައިވާކަން ޔަގީންވާ ކަމަށް އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އެކުއްޖާ ކިޔަވާ ސްކޫލުގެ ޕްރިންސިޕަލް ކޭއޯއަށް ވިދާޅުވީ އެ ދަރިވަރަށް ގެއްލުމެއް ލިބިފައި ހުރިކަން އެނގުނު ނަމަ ބެލެނިވެރިޔާއަށް ހިއްސާކޮށް، ސިއްހީ މާހިރުންގެ އެހީގައިވީ އެންމެ އަވަސް ފަރުވާދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ދަރިވަރަށް ގެއްލުމެއް ލިބިފަ ހުރިކަން އެނގުނު ނަމަ އެ ދަރިވަރުގެ ބެލެނިވެރިޔާއަށް އެކަން ހިއްސާކުރާނަން. އެފަދަ ކަމެއް ފާހަގަކުރެވުނު އަޅުގަނޑުމެންގެ ކުދިން (ޓީޗަރުން) އާޖެންޓްކޮށް ބެލެނިވެރިޔާއަށް ގުޅާނެ. ހޮސްޕިޓަލަށްވެސް ގެންދާނެ." ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުގެ މާހައުލުން ކިރިޔާވެސް ދަރިވަރަކަށް ކަމެއްވެއްޖަނަމަ އެ ދަރިވަރަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި ހުންނާނެ ކަމަށާއި އެގޮތަށް ވަރަށް ގިނަ ދަރިވަރުން ސްކޫލުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާނެކަމަށެވެ. އަދި އެގޮތަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭ ކުދިންގެ ތަފްސީލްވެސް ނޫސްވެރިން ބެލުމަށް ޕްރިންސިޕަލް އެދިލެއްވި އެވެ.

އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ބޭނުންވާ ކަންކަން ނުވެއްޖެނަމަ ބޮޑާހާކާ، އަމިއްލައަށް ބިންމައްޗަށް ވެއްޓިގަނެ ހަދައި ކުއްޖެކެވެ.

ނޯޓް: މި ޙަބަރުގައި ދަރިވަރު ތައުލީމް ހާސިލުކުރަމުންދާ ސްކޫލުގެ ނަން ހާމަކޮށްފައިނުވަނީ އެ ދަރިވަރުގެ އައިޑެންޓިޓީ ހާމަވެދާނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355