ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް 11 ރަށަކުން ބިން ދޫކުރުމަށް ސަރުކާރުން ނިންމާ އެކަން ރޭ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.
ކުރިއަށް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށް ނިންމާފައި ވަނީ ބީލަމުގެ އުސޫލުން ކަމަށާއި މިއީ ވެސް ގައުމީ ތަރައްގީއަށް މުހިއްމު މަސައްކަތަކަށްވާނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ.
ބިން ދޫކުރުމަށް ނިންމި ރަށްތަކަކީ ހއ. ފިއްލަދޫ އިން ދައްޕަރު ސަރަހައްދާއި ހއ. އުލިގަމާއި ހއ. ކެލާގެ އިތުރުން އައްޑޫގެ ހަ ރަށަކުންންނާއި ލ. ގަމާއި ފުވައްމުލަކު ތުނޑި ސަރަހައްދުންނެވެ.
ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު ފަތުރުވެރިކަމުގައިވެސް ބޭނުންކުރެވޭ ބަޔަށްވުރެ، ނުކުރެވޭ ބައި އަދިވެސް ބޮޑުކަން ކަމަށާއި ރާއްޖޭގެ ކަނޑޫފާތަކާއި ކުޅިތަކާއި ޗަސްބިންފަދަ ތަންތަނަކީ ރާއްޖޭގެ ޤުދުރަތީ ތަރިކަން ކަމުގައި ފާހަގަކުރެއްވި އެވެ. މިފަދަ ތަންތަން ސަރުކާރުން ހިމާޔަތް ކުރާނީ އެތަންތަނުން ލިބެންއޮތް އެންމެބޮޑު މަންފާއެއް ލިބޭނެގޮތަށް ބަލައިގެންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ރާއްޖެއިން އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ހިމާޔަތް ކުރުމަށްކަމަށާ ސަޤާފީ އަދި އާސާރީ ބިނާތައްވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގައި އެބަހުރިކަމަށެވެ.
އަދި ދިވެހީންގެ ސަޤާފީ އެތައް ކުޅިވަރުތަކެއް ހުރިއިރު ދިވެހީންގެ ފަންނީ ހުނަރުތަކާއި ހާއްސަ މަސައްކަތްތައް ފަތުރުވެރިކަމުގެ ސިނާއާތާ ލާމެހިގެންދާނެ ގޮތަކަށް އެކަންކަން ދިރުވައި އާލާކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތް ރައްޔިތުންގެ ބައިވެރިވުން އިތުރުވެ ރައްޔިތުން ބާރުވެރިވެގެންދާނެކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.