twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފަތުރުވެރިކަމުގެ މައްސަލާގައި އަލީގެ އިންޒާރު: އަހަރެމެން މިތިބީ ބަލަން، އެއަށްފަހު ގޮތެއް ކަނޑައަޅާނަން

އަބްދުލް ވާހިދު ޙަސަން
Jul 30, 2019
8

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ހދ އަތޮޅުގައި ފަތުރުވެރިންކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ އެއްވެސް ޕްލޭނެއް ހާމަކޮށްފައިނުވާތީ ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

މީހުން ދިރިއުޅޭ ބިން ބޮޑެތި ރަށްރަށުގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން ނިންމާ މިކަން ހާމަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" މިނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެގޮތުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބިން ދޫކުރުމަށް ނިންމި 11 ރަށެއް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. އޭގެ ތެރޭގައި ހދ އަތޮޅުގެ އެއްވެސް ރަށެއް ހިމަނާފައެއް ނުވެ އެވެ. ސަރުކާރުތަކުން ފަތުރުވެރިކަމުގައި އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ހދ އަތޮޅުގެ ރައްޔިތުންނަށެވެ.

ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސައިޓާ ހަވާލުވެހުންނެވި،ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރ އަލީ މުޙައްމަދުގެ އުދާސްތައް ބަންޑުކޮށްލާފައިވަނީ މިއަދު އެވެ. "ޖަޒީރާ ރާއްޖެ-މަގޭ ރާއްޖެ ޖަލްސާއަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި އަލީ ވިދާޅުވެފައިވަނީ ހދ އަތޮޅުގެ ޓޫރިޒަމްގެ އެއްވެސް ތަސައްވުރެއް އުންމީދެއް ރޭ ގެ ހަފުލާގައި އިވިގެންގޮސްފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، " އަހަރެމެން މިތިބީ ބަލަން. އޭގެ ފަހުގައި އަހަރެމެންވެސް އަމަލުކުރާނެ ގޮތް ކަނޑައަޅާނަން." ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑޫފާތަކާއި ކުޅިތަކާއި ޗަސް ބިންފަދަ ތަންތަނަކީ މި ރާއްޖޭގެ ގުދުރަތީ ތަރިކަ ކަމަށާއި އެފަދަ ތަންތަން ސަރުކާރުން ހިމާޔަތް ކުރާނީ އެފަދަ ތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ވެސް ލިބޭ ގޮތަށްކަމަށް ރޭގެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކޮށް އަލީ ވިދާޅުވީ އެގޮތަށް އަމަލުކުރާނަމަ އެންމެ ފުރަތަމަ އޭގެ ފައިދާއެއް ލިބެން އޮތް އެންމެ ބޮޑު ރަށަކީ ހދ ކޭލަކުނު ކަމަށެވެ. އަދި އެރަށުން ރައްޔިތުންނަށް މަންފާއެއް ނުލިބޭނަމަ ހިމާޔާތްކޮށް ފޮރުވާފައި ބާއްވަން އަދި ޖެހޭނީ ކިއްތައް އަހަރު ތޯ އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.

ތަކުރާރުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަކު ނުދާކަމަށް ވިދާޅުވަމުން އަލީ ވިދާޅުވީ، ހދ އަށް ވަމުންދާ އިހުމާލު ބަލައިނުގަންނާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް ފަތުރުވެރިކަމުގެ ޕްލޭންގައި ހދ ގެ ހިއްސާ ލިޔުއްވުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

" ތި ޕްލޭންގައި ހދ ގެ ހިއްސާ ލިޔުއްވާ ނޫނީ އަހަރެމެން މަޑުން ނުތިބޭނަން. މިނިސްޓަރު އިތުރަށް ވިސްނަވާ. ތިބޭފުޅާއަކީ މިއަތޮޅަށް ނިސްބަތްވާ މީހެއް. ފަރުވާކުޑަ ނުކުރައްވާ ތީގެން ނަތީޖާ އެހާ ރަނގަޅެއް ނުވާނެ." ސިޔާސީގޮތުން ކުޅުދުއްފުށީގައި އެންމެ ފާހަގަކުރެވޭ އަލީ ވިދާޅުވި އެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ޕްލޭން ތިއީ ހދ އަތޮޅަށް ގޮއްވާލި ބޮމެއް ތޯ ވެސް އަލީ ވަނީ ސުވާލު އުއްފަދާފަ އެވެ. ރޭގެ ޖަލްސާގައި ހދ އަތޮޅުގެ ފަތުރުވެރިކަމާ ގުޅޭ އެއްވެސް ވާހަކައެއް ނެތުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފްވެސް ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އަދި ހދ ގެ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355