ކުޅުދުއްފުށީ ކުޑަކުޅި ސަރަހައްދުން އަމީނީމަގަށް އަރާފައި ހުރި ވިނަ ގަސްތައް ނަގައި ސާފުކުރުމުގެ ނަމުގައި ޕަބްލިކް ވޯކްސް އިން، އެތަނުން ގިނަ އަދަދަކަށް ގަސްތައް ކަނޑައި ނެގުމުން ގިނަ ބަޔަކު ނުރުހުން ވެއްޖެ އެވެ.
ކުޅި ހިމެނޭ ސަރަހައްދުން އަމީނީމަގުގެ ޕޭވްމަންޓަށް ހުއި ފަދަ ވިނަ ގަސްތައް އަރާފައިވާތީ އެތަން ސާފުކުރުމުގެ ނަމުގައި ޕަބުލިކް ވޯރކްސް އިން ވަނީ އެސަރަހައްދުން ގިނަ އަދަދަކަށް ބޮޑެތި ގަސްތައް ކަނޑައި ނަގާފަ އެވެ.
އަދި ކުޅި ސަރަހައްދަށް ގެއްލުންވާނެ ގޮތަށް އެތަނަށް ލޯޑަރުފަދަ ތަކެތި ވައްދައި މަގާ ދިހަވަރަށް ފޫޓް ދުރުގައި ހުރި ބޮޑެތި ގަސްތައް ނަގާފަ އެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުންފާޅުކުރަމުންދަނިކޮށް، ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ގިނަ އަދަދެއްގެ ވެރިންވެސް ވަނީ ޕަބުލިކް ވޯރކްސްގެ މިއަމަލާމެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ކޭއޯއަށް ވާހަކަދެއްކި މުވައްސަސާއެއްގެ ވެރިޔަކު ވިދާޅުވީ، ގުދުރަތީ މިފަދަ މާހައުލުތަކަކީ ފައިސާއިން ގަނެވޭނެ ތަންތަނަށް ނުވާއިރު ރަށުގައި ހުރި އެފަދަ ތަންތަން ހަލާކުކޮށްލެވިގެން ނުވާނެ ކަމަށެވެ.
"މަގު ސާފުކުރަނީއެއް ނޫން އެއީއެއް. ބޮޑެތި ވެހިކަލްތައް ވައްދާގެން އެތަން ހަލާކުކުރަނީއެއް. މިއީ އެތަން ނައްތާލުމަށް މަކަރުވެރިގޮތަށް ހިންގާ ޖަރީމާއެއް. މިކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ." ކުޅުދުއްފުށީގެ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު ވިދާޅުވި އެވެ.
ޕޭވްމަންޓަށް އަރާފައި ހުރި ހުއިތަކާއި އެތަނުގެ ގަސްތަކުގެ ތިރީގައި ހުރި ވާ އޮފިތައް އެއީ ކަތިވަޅިންވެސް ކޮށާލެވޭނެ އެއްޗެހިތަކެއް ކަމަށާ އެތަނަށް ބޮޑެތި ލޯޑަރު ވައްދައި މުޅި އެސަރަހައްދު ހަލާކުކޮށްލާފައިވާކަން ފާހަގަކޮށް އެހެން އޮފީހެއްގެ ވެރިޔަކުވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އޭނާ ވިދާޅުވީ، ހޭޅި ފަށާއި ކުޅިތައްފަދަ ތަންތަނުގެ ވަށައިގެންވާ ބޮޑެތި ގަސްތައް ކެނޑުމަކީ އެކަމުގެ ނޭދެވޭ އަސަރު އެތަކެއް އަހަރުތަކަކަށް ދެމިންގެންދާ ކަމެއްކަމަށާއި އަދި އެއީ ތިމާވެށި ހިމާޔާތްކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ. މިގޮތަށް ގަސްތައް ކެނޑޭނީ އެންވަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހުއްދަ ލިބިގެންކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިފަދަ މައްސަލަތައް ކުރަމުންދަނީ އީޕީއޭގެ ހުއްދަ ލިބިގެން ތޯ ކައުންސިލާއި ފުލުހުން ބަލައި ތިމާވެއްޓާ ބެހޭ ގާނޫނު ތަންޒީފުކުރުމަށްވެސް ބައެއް މުވައްސަސާތަކުގެ ވެރިން ވަނީ ގޮވާލައްވާފަ އެވެ. އަދި ޕަބްލިކް ވޯރކްސް ފަދަ ތަންތަނަކީ ކައުންސިލުން އަންގާގޮތަށް އަންގައި ކަމެއްކުރުމަށް ތިބޭ ބަޔެއް ކަމަށާ އެއީ ކަންކަން ޕްލޭންކޮށް އާ މަގުތައް ހަދައި ޑިޒައިންކުރުމަށް ތިބޭ ބަޔެއް ނޫންކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެފަރާތުން އެދުނީ އަމީނީމަގުގެ ޕޭވްމަންޓަށް އަރާފައިވާ ހުއި ގަސްތަކާއި ވިނަ ގަސްތައް އަދި ރަށުގެ އެހެން ސަރަހައްދުގައި އެފަދަ ގޮތްގޮތަށް ހުރި ހުއިގަސްތަކާއި ވިނަ ގަސްތައް ނަގައި ސާފުކޮށްދިނުމަށް ކަމަށާ ނަމަވެސް ޕަބުލިކް ވޯރކްސް އިން އަމަލުކޮށްފައިވަނީ އެފަރާތުން އެދުނުގޮތަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އެދުނު ވަރަށް ވުރެއް ބޮޑަށް ގަސްތައް ދުއްވާލާފަ އެއޮތީ. އެހެންވެ މިހާރު އޮންނަނީ ޕަބުލިކް ވޯރކްސްއަށް އަންގާފަ އެކަން ހުއްޓާލާން." ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެއްވެސް ވަރަކަށް ގާނޫނާއި ގަވައިދުތަކުގެ ދަށުން އަމިއްލައަށް އެފަދަ ކަންކަން ކުރުމުގެ ބާރު އެއްވެސް ވަރަކަށް ޕަބްލިކް ވޯރކްސްއަށް ނޯނާނެކަންވެސް ގިނަ ވެރިން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލުން އެންގުމާ ހިލާފަށް މަސައްކަތް ކުރިއަށްގެންދިޔަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އެފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
އެތަން ސާފުކުރިއިރު އެސަރަހައްދުގައި ޕަބުލިކް ވޯރކްސް ހިންގުމަށް ހަވާލުވެހުންނެވި އަލީ މުހައްމަދާއި އަދި ބައެއް ކައުންސިލަރުންވެސް ހަރަކާތްތެރިވިކަން ފާހަގަކުރެވެ އެވެ.
އަލީ މުހައްމަދު މީގެ ކުރިންވެސް ވަނީ ގާނޫނާ ހިލާފަށް އެއްވެސް ހުއްދައެއް ހޯދުމަކާއި ނުލައި ރަށުގެ ފުއްޓަރު ފަރާތު ހޭޅި ސަރަހައްދު މަގެއް ހެދުމަށް ގިނަ ގަސްތަކެއް ނަގައި އެތަނުގެ ބޮޑުބައެއްގެ ފަސްގަނޑު އެއްވަރުކޮށްފަ އެވެ. އެކަމަކު އެއީ އެއްވެސް ޕްލޭނެއް އަދި ހުއްދައެއް ހޯދުމަކާ ނުލައި ކުރާ ކަމަކަށްވީމަ އެކަން ވަނީ އީޕީއޭއިން ހުއްޓުވާފަ އެވެ.
ކުޑަކުޅީގައި ނޭޗަރ ޕާރކެއް ތަރައްގީކުރަން މިއަހަރު ކައުންސިލުން ބަޖެޓްގައިވެސް ހިމެނި އެވެ. ނަމަވެސް މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ ބަލިމަޑުކަމާހެދި ބަޖެޓް ރިވައިސް އަލުން ފާސްކުރިއިރު ބަޖެޓްގައި އެބައި ވަނީ އުނިކޮށްފަ އެވެ.