މާސްޓާސް އޮފް އިސްލާމިކް ސްޓަޑީޒް ހަދަން ބޭނުންވާ ފަރާތްތަކަށް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ސެޕްޓެމްބަރު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ 80 އަށްވުރެ ގިނަ ކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މި ކޯސްތައް މާލޭގެ ވިލާ ކޮލެޖްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައިވެސް ކުރިއަށްދާނެ އެވެ.
މާސްޓާސް އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ހަދަން ބޭނުންވާ ގިނަ ބަޔަކު އަތޮޅުތެރޭގައި އުޅޭއިރު މިއީ އެފަދަ ފަރާތަކަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެ އެވެ. މި ކޯސް ފަރުމާކޮށްފައިވަނީ އިސްލާމް މުގައްރަރަށް އައި ބަދަލުތަކާއެކު މަތީ ސާނަވީއަށް ކިޔަވައިދޭނެ ގާބިލު މުދައްރިސުން ތަމްރީންކުރުމުގެ މަގުސަދުގައި އެވެ.
މި ކޯހާ ބެހޭގޮތުން މައުލޫމާތު ދެމުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން ބުނީ މި ކޯހުގައި ފިޤުހް އިލްމާ ގުޅޭ މަތީ ސާނަވީ އާ ގައުމީ މަންހަޖުގައި ހިމެނޭ ބައިތައް ކިޔަވައިދެވޭނެ ފެންވަރަށް މި ޕްރޮގުރާމުގެ ތެރެއިން މުދައްރިސުން ތަމްރީން ވެގެންދާނެ އެވެ.
އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި މާސްޓާސް ޕްރޮގުރާމުގެ 60 ކުރެޑިޓް ހަމަވުމުން ދަރިވަރުންނަށް ޕޯސްޓް ގުރެޖްއޭޓް ސެޓްފިކެޓް އިން އެޑިއުކޭޝަން އިންޓަނިމް އެވޯޑެއްގެ ގޮތުގައި އެރުވިގެންދާނެ ކަމަށްވެސް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން މައުލޫމާތުދެ އެވެ.
މި ޕްރޮގުރާމްގެ ތެރެއިން އިސްލާމް އަދި ޤުރުއާން އިލްމުގެ އިތުރުން އުނގެނުމާއި އުނގަނައިދިނުމުގައި ބޭނުން ހިފަން ޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސްކޫލު ފެންވަރުގައި އަމަލީ މައިދާނުގައި އިލްމީ ދިރާސާ ކުރުމުގައި ގާބިލުކަން މި ކޯސް ފުރިހަމަ ކުރުމުން ލިބިދެވޭނެ އެވެ.
ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖް ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ކޯހަށް އެދޭ ފޯމު އެ ކޮލެޖްގެ ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުންވެސް ލިބެން ހުންނާނެ އެވެ