ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހްކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހދ އަތޮޅުގައި ފަތުރުވެރިންކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ހާމަކޮށްފައިނުވާތީ އެއަތޮޅުގެ ގިނަ ބަޔަކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުތަކުން އެންމެ ބޮޑަށް އިހުމާލުވެފައިވާ ހދ އަތޮޅުގެ ރައްޔިތުން ހޯމަދުވަސްގެ ޖަލްސާއިން ވަނީ ވަނީ ވަރަށް ބޮޑަށް މާޔޫސްކުރުވާފަ އެވެ. 11 ރަށެއްގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބިން ދޫކުރުމަށް ހުޅުވާލި ފުރުސަތުގައިވެސް ހދ ގެ އެންމެ ރަށެއްވެސް ހިމަނާފައެއް ނުވެ އެވެ.
އެކަމާ ކަންބޮޑުވުންފާޅުކޮށް މިނިސްޓަރ އަލީ ވަހީދަށް ފާޑުވިދާޅުވަމުން ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި މިނިސްޓަރުގެ އިސްތިއުފާވެސް ގޮވާލާފަ އެވެ. ހދ ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިސަރުކާރުންވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި ހުރިހާ ސަރުކާރުތަކަކުންވެސް އަތޮޅުގެ ރައްޔިތުން ގުނބޯ ހައްދަނީކަމަށް ބުނަމުންނެވެ.
މިއަހަރު ފެބްރުއަރީ މަހު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކޮށް ޓޫރިޒަމް މިނިސްޓަރު ވަނީ މިހާ ބޮޑު އާބާދީއެއް އޮންނަ އަތޮޅެއްގައި ފަތުރުވެރިކަން ކުރިއަށްނުގޮސް ގިނަ އަހަރުތަކެއްގައި އޮތުމަކީ ވަރަށް ހިތާމަވެރިކަމެއް ގޮތުގައި ފާހަގަކޮށް މިނިސްޓަރު ވަނީ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކާފައެވެ.
މިނިސްޓަރު އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހދ އަތޮޅުން ރިސޯޓް ހަދަން ދޫކޮށް ނުހެދި ގިނަ އަހަރުތަކެއްވެފައިވާ ރަށްތައް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ހދ އަތޮޅުން ރިސޯޓް ތަރައްގީކުރަން ދޫކޮށް ނުހެދި ހުރި ރަށްރަށާ މެދު ކޮންމެވެސް އެއްގޮތަކަށް ނިންމާނެ ކަމަށާއި ފަތުރުވެރިކަމަށް އިތުރު ރަށްތައް ދޫކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައި ވަނީ މިސަރުކާރުގެ އެކޮނޮމިކް ކައުންސިލުން ދަނީ ހދ .އަތޮޅުގައި ދޫކޮށް ނުހެދި ހުރި ރަށްތަކުގެ މައުލޫމާތު އެއްކުރަމުން ކަމަށާއި އެގްރިމެންޓް ބާތިލްކުރަން ޖެހިއްޖެނަމަ އެކަމަށްދާނެ ހަރަދު ސަރުކާރު ދެއްވާނެކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިއްވި ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާކަމަށެވެ. ސަރުކާރުން ބޭނުންވަނީ އިތުރު ވަޒީފާތައް އުފައްދާ އިތުރު ފަތުރުވެރިން ގެންނަ ކަމަށްވެސް އަލީ ވަހީދު ވަނީ އެބައްދަލުވުމުގައި ރައްޔިތުނާއި މުހާތަބުކުރައްވާ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް މިނިސްޓަރު ކުޅުދުއްފުށީ ރައްޔިތުނާއި ބައްދަލުކޮށްދެއްކެވި ވާހަކަފުޅާއި އިދިކޮޅަށް ހޯމަ ދުވަހު އިއުލާން ކުރެވިގެން ދިޔަ ފަސް އަހަރުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ގެންގުޅޭ ޕްލޭން އަދި ރަށު ފަތުރުވެރިކަން ކުރަން އިއުލާންކުރެއްވި ހދ ގެ ރަށެއް އެލިސްޓުގައި ހިމެނިފައިނެތުމަކީ މިނިސްޓަރު ހދ އަތޮޅުގެ ޓޫރިޒަމް ތަރައްޤީކުރުމަށް އެއްވެސް މަސައްކަތެއް މިވީ ނުވަމަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ކުރެވިފައި ނެތްކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ.
ތިލަދުންމަތީގެ ދަތުރުފުޅަށްފަހު މިނިސްޓަރު އެވިދާޅުވި ދޮންވެލި ބޮޑުތިލަދުންމަތީގެ ދޮންވެލި ތުނޑިތަކުން ރަށުގެ ފަތުރުވެރިކަމަށް ގޮވަމުންދިޔަ ކަމަށް ލިޔުއްވާފައިވާ ބަސްފުޅުތަކަކީ ހަމަ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހެއްދެވީ ކަމަށާއި އަދި އަހަރުވުމުގެ ކުރީން ހދ އަތޮޅުގެ ފަތުރުވެރިކަން ތަރައްޤީގެ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ތަކުރާރު ކޮށް ރައްޔިތުން މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި އެވިދާޅުވި ފަށުވި ބަސްތަކަކީ މިއަދު ގަބޫލުކުރެވޭނެ ބަސްތަކެއް ނޫންކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ.
ޓޫރިޒަމް މާސްޓަރ ޕްލޭނުގައި ހދ އަތޮޅުގެ އެއްވެސް ރަށެއް ހިމެނިފައިނެތުމުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މިސަރުކާރުގެ އިސްމަގާމެއް ފުރުއްވަމުން ގެންދަވާ އަލީ މުހައްމަދާއި ދެބޭފުޅުންގެ އުދާސްތައްވަނީ ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލާފައެވެ.