ޕެންޝަން ފަންޑުގެ 80 ޕަސެންޓް ހައްޖަށް ދިއުމަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެެވެ.
ހައްޖަށް ދާން ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 70 މެންބަރުންގެ އިއްތިފާގުންނެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އީސަ ހުށަހެޅުއްވި އިސްލާހު އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރިއިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރެކޮމޭޑޭޝަންތައް ހިމަނަން ކޮމިޓީން ނިންމި އެވެ.
އެގޮތުން ހައްޖަށް ދިއުމުގެ ހަރަދަށްވާ އަގު ދައްކަން ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގަން ވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
އަދި ފައިސާގެ 80 ޕަސެންޓު ދޫކުރަން ވާނީ މަދުވެގެން 420،000 ރުފިޔާގެ ބެލެންސެއް ހުރެގެން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެ ގޮތަށް ނިންމި އިރު އެ ވަރަށް ފައިސާ ޖަމާވެފައި ހުރީ 36000 އަށްވުރެ ގިނަ މީހުންގެ އެކައުންޓުގަ އެވެ.