ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކޮށް، މިހާރު މަސައްކަތް ހުއްޓިފައިވާ ހައުންސިންގ ޔުނިޓްތަކަށް ހައުންސިންގ މިނިސްޓަރު އާމިނަތު އާތިފާ، ވަޑައިގެން އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.
ހދ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު އާތިފާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތީ މެންދުރު އެވެ. އެކަމަނާގެ މި ޒިޔާރަތަކީ ރަށުގައި ހުރި ހައުންސިންގ ޔުނިޓްތަކުގެ ހާލަތު ބެލެއްވުމެވެ.
މިނިސްޓަރު އާތިފާ މިއަދު ވަނީ ކުޅުދުއްފުށީގައި ތިން ސަރަހައްދުގައި ހުރި ހައުސިންގ ޔުނިޓްތަކަށް ޒިޔާރާތްކުރައްވާފަ އެވެ. އެގޮތުން ކަނބޯރަނި ހިޔާ އާއި މާފަލު ހިޔާ އަދި ވެލިގަނޑު ސަރަހައްދުގައި ހަދަން ފަށާފައިވާ ހައުންސިންގ ޔުނިޓް ހިމެނެ އެވެ.
އެތަންތަނުގެ ހާލަތު ބެލުމަށްފަހު މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެ ކަމަށެވެ. ނުނިމި ހުރި ހައުންސިންގ ޔުނިޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން މާފަލު ހިޔާގައ ހުރި ހައުންސިންގ ޔުނިޓްތަކުގެ މަރާމާތުކުރުމަށް ވިހާވެސް އަވަހަކަށް ހުޅުވާލަދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެތަންތަނުގައި ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ އެމްޑަބުލިއުއެސީގައި އެދިގެން ހައްލުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވެލިގަނޑުގައި ހުރި ހައުންސިންގ ޔުނިޓްތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި އެތަންތަނުގެ މަރާމާތު ނިންމާދެއްވާނެކަމަށް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.
މިނިސްޓަރު އާތިފާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިން އޮވެ އެތަނުގައި ގެއެއް ނޭޅިފައި ތިބި މީހުންނަށް ގެ އެޅުމަށް ބޭނުންވާ ލޯން ސްކީމެއް ތައާރަފުކުރައްވާނެ ކަމަށާއި އެމަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ކުރިއަށް އަހަރުތަކުގައި ކުޅުދުއްފުއްޓަށް ބޯހިޔަވާހިކަމުގެ މަޝްރޫއުތައް އައިސް އެކަމަށް ދިމާވެފައިވާ މައްސަލަ މިސަރުކާރުން ހައްލުކުރައްވާނެކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރާއި ހަނިމާދޫގެ ހައުސިންގ ޔުނިޓްތަކުގެ ހާލަތުވެސް މިނިސްޓަރު އާތިފާ ވަނީ ބައްލަވާލައްވާފަ އެވެ.