ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައިސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ކުޅުދުއްފުއްޓަށް ވަޑައިގެން އަތޮޅު ކައުންސިލަރުންނާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފި އެވެ.
ހދ އަތޮޅު ކައުންސިލު އިދާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ކައުންސިލަރުން ވަނީ އެއަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި އަތޮޅުގެ ތަރައްޤީއަށް ހުރި ގޮންޖެހުން ތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން ހދ. އަތޮޅުގައި ފަތުރުވެރިކަން މިހާތަނަށް ތަރައްޤީކުރެވިފައި ނެތުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެއީ އަތޮޅުގެ ތަރައްޤީއަށް ލިބިފައިވާ ވަރަށް ބޮޑު ހީނަރުކަމެއްކަމަށާއި އެއީ މުޅި ހދ އަތޮޅުގެ އެންމެހާ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށް އެބައްދަލުވުމުގައި ކައުންސިލަރުންވަނީ ފާހަގަ ކުރައްވާފަ އެވެ.
ކައުންސިލަރުންނާއެކު ބޭއްވި ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގައި މި ސަރުކާރުން އެއްވެސް ރަށެއް އަދި އަތޮޅެއް ތަފާތު ނުކުރައްވާނެކަމަށާއި، ހދ. އަތޮޅުގެ ކައުންސިލުން އެދިވަޑައިގެންފައިވާގޮތަށް މިއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ތަންފީޒުވެގެން ދިޔުމުން ކައުންސިލްތަކުން އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ އިޤުތިޞާދު ކުރިއެރުވުމަށް ގިނަ ގުނަ ފުރުސަތުތަކެއް ފަހިވެގެން ދާނެކަމުގަ އެވެ.
މީގެ އިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
ރައީސް އޮފީހުން ބުނީ މާދަމާ ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގައި ހުންނަ ސަރުކާރު ސްކޫލުތަކުގެ ވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
ނައިބުރައީސްގެ ހދ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޑިޔުކޭޟަން މިނިސްޓަރު ޑރ . އައިޝަތު އަލީގެ އިތުރުން ކުރީގެ ވަޒީރު މުސްތަފާ ލުތުފީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ.