ހދ ނޮޅިވަރަންފަރު ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ފެށީންސުރެއް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް 70 އިންސަތައަށްވުރެ މަތިން ދަރިވަރުން ފާސްވަމުންދާކަމަށް އެ ސްކޫލުގެ ޕްރިންސިލް އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
ނޮޅިވަރަންފަރު ސްކޫލުގެ ރަންޔޫބިލްގެ ރަސްމީ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އަދި އެޑިކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ އެ ސްކޫލުން 2011 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ފެށުމަށްފަހު 2014 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހުރިހާ އަހަރުކުވެސް އޯލެވެލް އިމްތިހާނުގައި ދަރިވަރުން ފާސްވާ މިންވަރު 70 އިންސަތަށްވުރެ މަތި ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި އެކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. ސްކޫލުން ދަނީ އެފަދަ އެތަކެއް ހަރުފަތްތަކެއް ގިރާކޮށް އެތަކެއް ކާމިޔާބީތަކެއް ހޯދަމުން ކަމަށެވެ.
އަލަށް ސަރުކާރުން ދޭ ފެށި ނާސްތާ ޕްރޮގުރާމަށް ތާއީދުކުރައްވަމުން އަލީ ވިދާޅުވީ ނާސްތާ ޕްރޮގުރާމްގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ސުލޫކަށާއި ދަރިވަރުންގެ ސިއްހަތަށް އެދެވޭ ބަދަލުތަކެއް އަންނަމުންދާކަމަށާއި އެކަމަކީ އުފަލާއެކު ފާހަގަކުރާކަމެއް ކަމަށެވެ.
ރަންޔޫބިލް ހަރަކާތްތާ ގުޅުވައިގެން އެ ސްކޫލުން އަލަށް ތައާރަފުކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ ވަނީ ނައިބު ރައީސް ފައިސަލް ނަސީމަށް އަރުވާފަ އެވެ.