ކުޅުދުއްފުށީ ގައި މިހާރު ހަދަމުންދާ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި އޮޑިވެރިންގެ ހިތްހަމަނުޖެހޭތީ އޮޑިވެރީންގެ އެހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ތެރެއިން ހައްލުހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ނައިބުރައީސް ފައިސަލް ނަސީމް ވަނީ އޮޑިވެރިންނަށް ދެއްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިދިޔަ ހަފްތާގައި ފެއްޓެވި ދަތުރުފުޅުގައި ހުކުރުދުވަހު ކުޅުދުއްފުށީ ކައުންސިލްގައި އޮޑިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރިޔަށްގެންދިޔުން ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އޮޑިވެރީން ބުނަމުން ދިޔައީ ކުޅުދުއްފުށީގައި މިހާރު ހަދަމުންދާ ބަނދަރު ތަރައްޤީކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢަކީ ބަނދަރުގެ ބޭނުން އެންމެ ގިނައިން ކުރަންޖެހޭ މީހުންކަމުގައިވާ އޮޑިދޯނި ފަހަރު ގެންގުޅޭ އޮޑިވެރިން އެންމެ ބޭނުންވާގޮތަށް ރޭވިފައިވާ މަޝްރޫއެއް ނޫން ކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ވީ އެންމެ އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ނައިބުގެ ރައީސްގެ އަރިހުން ބައްދަލުވުމުގައި ބައިވެރިވި އޮޑިވެރީންވަނީ އެދިވަޑައިގެންނެވި އެވެ.
"އޮޑިވެރީންގެ ކަންބޮޑުވުންތައް އެގިވަޑައިގެންފި ސަކުވާތައް އަޑުއަހައިފިން . އަވަސް ހައްލެއް ހޯއްދެވުމަށް ކުރެވެން ހުރިހާ މަސައްކަތެއް މިނިސްޓްރީތަކާއިއެކު ގުޅިގެން ކުރާނަން " މިބައްދަލުވުމުގެ ބައިވެރީންނާއި މުހާތަބުކޮށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ މިހާރު ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރުގައި ކައުންސިލަރުންނާ އޮޑިވެރިން ފާހަގަ ކުރެއްވި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށާއި އޮޑިވެރިންނަށް ދެއްވި އެވެ. .
ނައިބުރައީސް ފައިސަލް ނަސީމް ވަނީ ކުޅުދުއްފުށީ ކައުންސިލަރުން ބައްދަލުކޮށް ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ސްކޫލްތަކަށް ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަމާއި ބަނދަރު ތަރައްޤީ ކުރުމުގައި ހުރި އޮޑިވެރިންގެ ކަންބޮޑުވުންތަކާއި ކުނިކޮށީގެ މައްސަލައިގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުން މިބައްދަލުކޮށްލެއްވުމުގައި ކައުންސިލަރުން ވާހަކަދެއްކެވި އެވެ.
މިދަތުރުފުޅުގައި ނައިބުރައީސްވަނީ ކުޅުދުއްފުށީގެ ކައުންސިލްގެ އިތުރުން ހދ.އަތޮޅު ކައުންސިލާއި ކުޅުދުއްފުށީގައި ކިޔަވައިދެއްވަމުން ގެންދަވާ އަފީފުއްދީން ސްކޫލާއި އޭއީސީ ގެ އިތުރުން ޖަލާލުއްދީން ސްކޫލަށާއި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަންތަނުގެ އިސްވެރިންނާ ބައްދަލުކޮށް ހާލަތު ބައްލަވާލައްވާފައެވެ.
ނައިބުރައީސް ފައިސަލް ނަސީމް ހދ.އަތޮޅުގެ ދެތިން ރަށަކަށް މިކުރެއްވި ދަތުރުފުޅުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިސަތު އަލީ އާއި ކުރީގެ ވަޒީރު މުސްތަފާ ލުތުފީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.