twitterviber whatsapp telegramfacebookyoutube instagram
10th May 2024

އާ އަގުތަކެއް ކަނޑައަޅައި ދެ ގޯއްޗަށްވާ ފައިސާ އެއްމަސް ތެރޭގައި ދިނުމަށް ހުކުމްކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 8, 2019
6

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް އަރައި 18 ގޯތީގެ ތެރެއިން ދެ ގޯތީގެ މައްސަލަ އަލުން ބަލައި ބަދަލުގެ ގޮތުގައި އާ އަގުތަކެއް ކަނޑައަޅައި، އެއްމަސް ދުވަހުގެ ތެރޭގައި ދެ ގޯތީގެ އަގުގެ ބަދަލަށްވާ ފައިސާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކުރަން މިއަދު ހުކުމްކޮށްފި އެވެ.

އެއާޕޯޓަށް އަރައި 18 ގޯތީގެ ތެރެއިން ކޯޓުން ކަނޑައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން މިދިޔަ އަހަރު ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ ޑޭޒީވިލާގެ ވެރިޔާ އަލީ އިސްމާއިލް އާއި ކުލަވަރުގެ، މޫސާ ހަސަންނެވެ. އެމައްސަލަ ހައިކޯޓުން ބެލުމަށްފަހު ނިންމީ އޭރު ދީފައިވަނީ އަދުލްވެރި ބަދަލެއް ނޫން ކަމަށެވެ.

އެހެންވުމުން އެ މައްސަލަ އަލުން ބެލުމަށް މިދިޔަ އަހަރު އޮކްޓޯބަރުމަހު ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހައިކޯޓުން އަންގާފަ އެވެ. އޭރު ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައެޅީ 8 ލައްކަ ރުފިޔާ އެވެ. ކުލަވަރުގެ ގެޔަށް ކަނޑައެޅީ 6 ލައްކަ އެވެ.

ނަމަވެސް އެމައްސަލަ އަލުން ބެލުމަށްފަހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކުރީ ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި އެއް މިލިއަން އެއްލައްކަ ހަތްދިހަ އަށްހާސް ތިން ސަތޭކަ އަށާރަ ރުފިޔާ ނުވަދިހަ ހަތް ލާރި ދިނުމަށެވެ. އަދި ކުލަވަރުގެ ބަދަލުގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ފަސްހާ އެއްސަތޭކަ ވިހި ރުފިޔާ ތިރީސް ހަތްލާރި ދިނުމަށެވެ. މި ބަދަލު ދިނުމަށް ކަނޑައެޅީ ޝަރުއީ އަގު ކޮމެޓީން އަގު ކުރުމަށްފަހު އެވެ.

ކުލަވަރުގެ މައްސަލާގައި ނިންމި ހުކުމުގައި ވަނީ އެއާޕޯޓް ސަރަހައްދަށް އެ ގެ އަރާފައިވާތީ މީގެ ކުރިން ނަގާފައިވާ ގޯތިތަކުގެ މީހުންނަށް ގެދޮރު އަޅައިގެން ދިޔުމަށް 8 މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ 8 މަސް ދުވަހުގެ ކުލިވެސް އެ ގޭ ވެރިން އެދިފައިވާތީ އެކަން ހަމަޖައްސައިދިނުމަށާއި އަދި އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިޔަކު ބަލަހައްޓަން ޖެހޭތީ އެ ގޭގައި 8 މަސް ދުވަހު ހުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

އަދި އެ މުއްދަތު ތެރޭގައިވެސް އެއާޕޯޓްގެ ފެންސް ޖެހުމުގައި ދަތިނުވާނެކަމަށް ފެންނަ ކަމަށާއި އެގޮތަށް ހަމަޖައްސައިދި ދެވެން ނެތް ނަމަވެސް ކުލީގެ ފައިސާ އާއި އަގުކޮމެޓީން ކުލަވަރުގެ އަށް ކަނޑައެޅި އަގު ލިބުނުހާ އަވަހަކަށް ގެއިން ނިކުތުމަށް މުސާ ހަސަން އެއްބަސްވެފައިވާ ކަމަށެވެ.

ދެ ގޭގެ ވެރިންވެސް އެއްބަސްވެފައިވަނީ ފައިސާ ލިބުނުހާ އަވަހަކަށް ގެއިން ނިކުތުމަށެވެ. އެހެންވުމުން އެ ދެ ގޭގެ ވެރިންނަށް އެ ފައިސާ ރައްދުކުރުމަށްޓަކާއި އެ ދެ ގޭގެ ބަދަލުގެ ގޮތުގައިވާ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި އެ ކޯޓްގެ އެކައުންޓަށް ޖަމާކުރަން ރީޖަނަލް އެއާޕޯޓްސްގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މިއަދު މި ހުކުމްކޮށްފައިވާއިރު އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355