twitterviber whatsapp telegramfacebookyoutube instagram
18th April 2024

ފުރަތަމަ އޮންނާނީ ހަފުތާއަކު ތިން ފުލައިޓް، ޑިމާންޑަށް ބަލާފަ އިތުރުކުރާނަން: އައިލެންޑް އޭވިއޭޝަން

އަބްދުލް ވާހިދު ޙަސަން
Aug 9, 2019
2

ފުރަތަމަ ފަށާގަންނައިރު ކުޅުދުއްފުށީ އެއާޕޯޓަށް އޮޕަރޭޓްކުރާނީ ހަފުތާއަކު ތިން ފުލައިޓްކަމަށާއި އެކަމަކު ކުރިއަށް އޮތްތާގައި ފުލައިޓް އިތުރުކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިޝަންގެ ރިޒަވޭޝަންސް ޖެނެރަލް މެނޭޖަރ އައިމިނަތު ސަމީހާ ވިދާޅުވީ އީދު ޗުއްޓީއާ ދިމާވުމުން މިދުވަސްވަރު ބޮޑަށް ޑިމާންޑް އޮތީ މާލެއިން ކުޅުދުއްފުއްޓަށް ކަމަށެވެ. ކުޅުދުއްފުށިން މާލެއަށް މިދުވަސްވަރު އެހާ ޑިމާންޑެއް ނެތް ކަމަށެވެ.

"އީދު ޗުއްޓީވުމުން މިދުވަސްވަރު ކުޅުދުއްފުށިން މާލެއަކަށް ޑިމާންޑެއް ނެތް. އެކަމަކު މާލެއިން ކުޅުދުއްފުއްޓަށް ވަރަށް ހައި ޑިމާންޑެއް މިދުވަސްކޮޅު އެބައޮތް." ސަމީހާ ވިދާޅުވި އެވެ.

މި ހަފުތާއަށް ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލްކޮށްފައި ވަނީ ފަސް ފުލައިޓެވެ. ކުރިއަށް އޮތް ހަފުތާގެ ޝެޑިއުލް އަދި މޯލްޑިވިއަނުން އާންމުކޮށްފައިނުވިނަމަވެސް ސަމީހާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާތެރޭގައިވެސް ފުލައިޓް ޝެޑިއުލް ކުރިއަށްދާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އާންމު ދަތުރުތަކަށް ހުޅުވާލިއިރު އީދު ޗުއްޓީއަށްފަހު އާންމު ދަތުރުތައް ފަށާނީ ގާތްގަނޑަށް ހަފުތާއަކު ތިން ފުލައިޓުން ކަމަށެވެ. އެކަމަކު ޑިމާންޑް އޮތްވަރަކުން ފުލައިޓް އިތުރުކުރާނެކަމަށް ސަމީހާ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ މިވަގުތު ފުލައިޓްތައް ގިނަ ކުރެވެން ނެތީ އީދު ޗުއްޓީގައި ހުރިހާ ދިމާއަކަށްވެސް ބާރުބޮޑުފައިވާތީ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ގަބޫލުކުރެވޭގޮތުގައި ކުރިއަށް އޮތް ތިންވަރަކަށް ހަފުތާތެރޭގައި ޑެއިލީ ފުލައިޓްތައް ބޭއްވޭނެ ކަމަށް ދެކެވެޑައިގަންނަވާ ކަމަށެވެ. އަދި ޑިމާންޑް އޮތިއްޔާ އެއަށްވުރެ ގިނައިވެސް ފުލައިޓް ބޭއްވިގެންދާނެ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ އައިލެންޑް އޭވިއޭޝަން އަކީވެސް ވިޔަފާރި ކުންފުންޏެއްކަމުން ޑިމާންޑަށް ބަލާފައި ފުލައިޓް އިތުރު ކުރަން ޖެހިއްޖެނަމަ އިތުރުކުރާނެ ކަމަށެވެ. މިއަދު އެއާޕޯޓްގެ ދަތުރުތައް އާންމުކޮށް ހުޅުވާލި ނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަންތަކުގައި އުޅެނީ އެހެން އެއާޕޯޓްތަކުގެ މުވައްޒަފުންނެވެ. އެގޮތުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނެވެ.

އެކަމަށް އިޝާރާތްކޮށް ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހެއިރު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް ނެގި މުވައްޒަފުން ޝޯޓް ލިސްޓްކޮށްފައިވާ ކަމަށާއި އެންމެ ގިނަވެގެން އެއްމަސް ތެރޭގައި އެ މުވައްޒަފުން ވަޒީފާއަށް ނެރެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ ދަތުރުތަކަށް ޓިކެޓް ވިއްކަން ފެށީ އަންގާރަ ދުވަހު އެވެ. އަގަކީ ކޮޅަކަށް 1،113 ރުފިޔާ އެވެ. ނަންނޯޓްކުރުމަށް ހުޅުވާލުމުން މައުލޫމާތު ލިބިފައިވާގޮތުން 900 އަށްވުރެ ގިނަ މީހުން ވަނީ ނަންނޯޓްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355