ކޮންމެ އީދަކީ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރު ފުރުސަތެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ހިތާބުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަހުނިޔާގެ ހިޠާބުގައި އަޟްޙާ އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.
"މިފަދަ ކޮންމެ ޢީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމެއް ކަމަށް." ރައީސް ގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.
އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ޤައުމާއި އާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި އީދުގެ ތަހުނިޔާ ފޮނުއްވާފައިވެ އެވެ.
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް މަބްރޫރު ޙައްޖަކަށް ރައީސްގެ މިހިތާބުގައި އެދިވަޑައިގެންފައި ވެއެވެ.
ޢީދުގެ އުފާ ފާޅުކުރުންތަކުގައި މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް އިޖްތިމާއީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.
އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ އުފާވެރިކަން ފާޅުކޮށް ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމުގައިވެސް ރައީސުލްޖުމްހޫރިޔާގެ ހިޠާބުގައިވެ އެވެ.
އަޟްޙާ ޢީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި އީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުސޫލުތައްކަމަށާއި އެކަން މުޖުތަމަޢުގައި ފެތުރިގެންދާނީ ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން އަނެކުންގެ މަޞްލަޙަތަށް އިސްކަންދީ އަނެކުންގެ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ހިތާބުގައި ވިދާޅުވެފައިވެއެވެ.