twitterviber whatsapp telegramfacebookyoutube instagram
11th May 2024

117 އަހަރަށްވުރެ ގިނަ އަހަރުވީ ތާރީހީ ތަކެތި ހިމަނައިގެން ކުޅުދުއްފުށީގައި އާސާރެއް ހުޅުވައިފި

• މި އާސާރަކީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ހުޅުވި އާސާރެއް
• މިތަނުގައި 170 އަށްވުރެ ގިނަ އަހަރުވެފައިވާ އާސާރުތައް އެބަހުރި

އަބްދުލް ވާހިދު ޙަސަން
Aug 11, 2019
3

ކުރީ ޒަމާނުގައި ދިވެހިން ބޭނުންކުރި ތަކެތި ރައްކާތެރިކޮށް އަންނަ އޮތް ޖީލްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުޅުދުއްފުށީގައި "ރަށްވެހި އާސާރު"ގެ ނަމުގައި މިއަދު އާސާރެއް ހުޅުވައިފި އެވެ.

މިރަށު ކޮކާހަނދުވަރު، އާރިފް އަލީގެ ގޭގައި ގާއިމުކުރި މި ތާރީހީ އާސާރުގެ ހުޅުވައިދެއްވީ ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުންކަމަށްވާ ޖަމްޝީދު މުހައްމަދާއި ޔާސިރު އަބުދުއް ލަތީފެވެ.

މި ދާރުލް އާސާރުގައި ކުޅުދުއްފުށީގައި އެކި ޒަމާންތަކުގައި ބޭނުންކުރި އާސާރުތައް ހުއްޓެވެ. އެގޮތުން ސަމްސުއްދީން ރަދުންގެ ވެރިކަމުގައި ދައުލަތުގެ ސިއްކަ ޖެހި ބައެއް ގުޅި ފަދަ ތަކެއްވެސް ހުއްޓެވެ. 117 އަހަރަށްވުރެ ގިނަ އަހަރުވީ ތާރީހީ ތަކެތި ހުރިއިރު މިތަނުގައި 170 އަށްވުރެ ގިނަ ތަފާތު ސާމާނުވެސް ހުއްޓެވެ.

މިތަނުގައި ހުރި ބައެއް ސާމާނު ބަލާއިރު ދިވެހިން ކުރީ ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔާއި ގުޅި އާއި ވިޔަފާރީ ކުރުމުގައި ބޭނުން ކުރި ބައެއް އާލާތްތަކާއި ބަދިގެ ސާމާނާއި ކުޑަ ކުދިންގެ ކޮށި އަދި މަލާފަތާއި ގޭތެރޭގައި އެ ޒަމާނުގައި ގެންގުޅުނު ގިނަ އަދަދެއްގެ ސާމާނު ހުއްޓެވެ.

"ރަށެއް ނުވަތަ ގައުމެއް ތަރައްގީކުރުމުގައި އެތަނެއްގައި އުޅުނު ބަޔެއް އުޅުނު ގޮތާއި އެތަނެއް، އޮތްގޮތަށް ދެއްކުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް." ރަށްވެހި އާސާރު ހުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން މެމްބަރު ޔާސިރު ވިދާޅުވި އެވެ.

ނުސީދާކޮށް ލޯކަލް ޓޫރިޒަމަށް އިޝާރާތްކުރައްވަމުން ޔާސިރު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މިއަދު އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ ފުއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްކަމަށާއި އެތަނުން އަނެއް ތަނަށް ދަތުރުކުރާ ދަތުރުވެރިންނަކީ އެތަނުގެ ސަގާފަތާއި އެތަނުގެ ތިމާވެށި ދެއްކިލައި އަންނަ މުހިންމު ބައެއް ކަމަށެވެ. އަދި އެމީހުން ދަތުރުކޮށްފައި އައިސް އެފަދަ މުހިންމު ތަންތަން ފޮޓޯ ނަގައި އެ ފޮޓޯ އުމުރު ދުވަހަށް ރައްކާތެރިކުރާ ކަމަށެވެ.

މިއާސަރަކީ އަމިއްލަ ފަރާތަކުން ވަރަށް ބުރަ މަސައްކަތުން ހުޅުވި ތަނެއްކަން ފާހަގަކުރައްވައި ޔާސިރު ވަނީ އާރިފަށް ޝުކުރު އަދާކުރައްވާފަ އެވެ. މި އާސާރު ބަލަން ބޭނުންވާ ފަރާތްތަކުން އެތަނުގެ ވެރި ފަރާތާ ގުޅުމުން އެކަން ހަމަޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355