ރާއްޖެއަށް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރި އެރުމެކެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ފުރޭއިރު މި ސަރުކާރުގެ ޓާގެޓް ކަމަށްވާ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށާއި މި ސަރުކާރަށް އެއް އަހަރުވާއިރު 1.5 މިލިއަން ޓޫރިސްޓުން ގެނެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް 49،095 އެނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި ޖުލައި މަހުގެ ނިޔަލަށް 45،983 އެނދު އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. ވަކިވަކި ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. ދެ ވަނަ އަށް އިންޑިޔާ އުޅޭއިރު ތިން ވަނައަށް އުޅެނީ އިޓަލީ އެވެ. މީގެ އިތުރުން ހަތަރު ވަނަ އަށް އިނގިރޭސިވިލާތް އުޅޭއިރު ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ.