ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި މ.ކޮކާހަނދުވަރު އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖުޑީސަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް އިބްރާޙިމް ސޯލިހު އެކަމަށް އެދި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް އެދުނީ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ކަމަށެވެ.
ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫންގެ ނަންފުޅު ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް ރައީސް މި އެދިވަޑައިގަތީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިން ވެސް އޮތް ގޮތަށް ހަތަކަށް އިތުރުކުރުމަށް މިހާރު ހިގަމުންދާ ނަވާރަވަނަ ރައްޔިތުން މަޖިލީހުން އެކޯޓުގެ ބެންޗުގެ އަދަދު ހަތަރަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.
މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން ނޮމިނޭޓް ކުރާ ފުރަތަމަ ފަހަރެވެ.
މިހާރު އެކޯޓްގެ ފަނޑިޔާރު ކަމުގައިތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އެވެ.