ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން "ދަވާލައިފި" ނަމުގައި އަންނަމަހު ބާރަވަނަދުވަހު ރެލީއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން "ދަވާލައިފި" ނަމުގައި ރެލީއެއް ބާއްވަން ތައްޔާރުވަމުންދާކަން ހާމަކޮށްފައިވަނީ ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޟުޖާއު އެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކައްވަމުން އޭނާ ވިދާޅުވީ ސެޕްޓެމްބަރުމަހު ބާރަވަނަދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ "ދަވާލައިފި" ނަމުގައި ބާއްވާ ރެލީ މީގެ ކުރިން އެކޯލީޝަނުން ބާއްވަމުން ގެންދަވާ ރެލީތަކަށް ވުރެން ތަފާތު ވާނެކަމަށެވެ.
މި ރެލީ ތަފާތު ވާނެގޮތެއް އެބައްދަލުވުމުގައި އެއްވެސް ވަރަކަށް ހިއްސާކޮށްފައިނުވާއިރު "ދަވާލައިފި" ނަމުގައި ބާއްވާ ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މީގެ ކުރީން މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ފޭރުމާއި ދެކޮޅަށް" އަދި "ކޮބާ ނުވިއެއްނުން" މިނަމުގައި ބޭއްވި ދެރެލީގައިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.