ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެ އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު އިއްޔެ މަޝްވަރާކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔ ބޭއްވެވި އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަން ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ އެ ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެ އަތޮޅުގެ ތަރައްޤީއާ ގުޅޭ އެކިއެކި ކަންކަމާބެހޭގޮތުން އަތޮޅުގެ މަޖިލިސް މެންބަރުންނާއި ކަމާބެހޭ ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިސްވެރިންނާއެކު، ތަރައްޤީއާ ގުޅޭ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިޔަށްގެންދެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
މި ބައްދަލުވުމުގައި އެ އަތޮޅުގެ ދާއިރާތަކުގެ މަޖިލީހުގެ މެންބަރުން ވަނީ އެ ބޭފުޅުންގެ އިންތިހާބީ ދާއިރާތަކުގައި ކުރެވެމުންދާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކާއި ދާއިރާގެ އެކިއެކި ރަށްރަށުގައި ހުރި މައްސަލަތަކާ ބެހޭގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައި މައުލޫމާތު ހޯއްދަވާފަ އެވެ. އަދި އެ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެކިއެކި މަޝްރޫއުތަކާ ބެހޭ ފަހުގެ މައުލޫމާތުތައް ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ވަނީ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.
މި ބައްދައްދަލުވުމުގައި ހދ އަތޮޅުގެ އިންތިހާބީ 6 ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ދާދި ފަހުން ހދ އަތޮޅުގެ ތިން ރަށަށް ވަޑައިގެން ރައްޔިތުންގެ ޝަކުވާތައް ވަނީ އަޑުއައްސަވާފަ އެވެ.