ހދ އަތޮޅުގައި މިހާރު ހިދުމަތް ދެމުންދާ ދެ އެއާޕޯޓުގައި ހުރި ކަންބޮޑުވުންތަކާ އެތަންތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަން ހުރި ކަންތައްތަކާ ބެހޭ ގޮތުން ނައިބު ރައީސް ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން ހދ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓާއި ދާދި ފަހުން އާންމު ހިދުމަތަށް ހުޅުވާލި ކުޅުދުއްފުށީ އެއާޕޯޓްގައި ހުރި ކަންބޮޑުވުންތަކާއި އެތަންތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ ހިދުމަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ހިމެނެ އެވެ. އަދި ތައުލީމީ ދާއިރާއާއި، ބޯހިޔާވަހިކަން ފަދަ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ރޭވިފައިހުރި މަޝްރޫއުތަކާއި އަދި އެ ދާއިރާތަކުން ހުރި ދަތިތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތައް ފޯރުކޮށްދިނުމަށް މިހާރު ސަރުކާރުން ފަހިކޮށްދީފައިވާ ކަންކަން މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައި އެވެ. އަދި ޒުވާނުންނާ ގުޅުންހުރި ގިނަ ގުނަ އިޖްތިމާޢީ ކުރިއެރުންތަކާއި މަޝްރޫއުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މިބައްދަލުވުމުގައި ދައުލަތުގެ ގުޅުން ހުރި މިނިސްޓްރީތަކުގެ ވެރިންނާއި ހދ އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެޑައިގެންނެވި އެވެ.