މި ގައުމު މިނިވަންވެއްޖެ ކަމަށް މަޖިލީހުގަޔާއި އެކި ފޯރަމްތަކުގައި ވާހަކަ ދެއްކިކަމުގައި ވީނަމަވެސް މި ގައުމު އަދި މިނިވަނެއް ނުވާކަމަށް މުހައްމަދު ހަސަން (ކެޔޮޅު މުހައްމަދު) ބުނެފި އެވެ.
ގދ ތިނަދޫއަށް ނިސްބަތްވާ ކެޔޮޅު މުހައްމަދު މިހެން ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި މަސްވެރިކަމުގެ ބިލާ ގުޅޭގޮތުން ހިޔާލުހޯދުމަށް މަސްވެރި ކެޔޮޅެއްގެ ހައިސިއްޔަތުން މަޖިލީހަށް ހާޒިރުވެ އިގުތިސާދީ ކޮމެޓީގައި ވާހަކަ ދައްކަމުންނެވެ.
ރާއްޖޭގެ މަސްވެރިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރާ ކެޔޮޅު މުހައްމަދު ބުނިގޮތުގައި މި ގައުމު މިނިވަން ވާނީ މިގައުމުގެ ރައްޔިތުންނާ ވެރިން މި ގައުމުގެ މަހުޖަނުންގެ ކިބައިން ސަލާމަތްވެގެން ކަމަށެވެ. އިތުރަށް އޭނާ ބުނި ގޮތުގައި އަބަދު ފެންނަމުން މި ދަނީ މަހުޖަނުން ވެރިކަންކުރާ ނިޒާމުގެ ތެރެއަށް ވަދެގެން އެމީހުންގެ ހަން ފަތުރާ އެ މީހުންގެ ގަދަކަން ދައްކާލާ މަންޒަރުކަމަށެވެ.
އޭނާ ވަނީ މަހުޖަނުންގެ ކިބައިން ގައުމު ސަލާމަތްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. އަދި ހީނަރުވެފައިވާ ހީނަރުކަމުން ފޫބައްދައި، މަސް ގަންނަ ކުންފުނިތަކުން ޒިންމާދާރުކޮށްދިނުމަށްވެސް އޭނާ ވަނީ އެދިފަ އެވެ.
ކެޔޮޅު ބުނި ގޮތުގައި މަސްވެރިންނަކީ އޭގެން ލިބޭ ނަފާއިން ދިރިއުޅުމުގެ ކަންތައް ތައް ކުރިއަށްގެންދާ ބައެއްކަމަށެވެ. މަ ކަން މަޖިލީހުން ފާސްވެގެން ދާއިރުގައި ދިވެހިރާއްޖޭގެ މަސްވެރިންނަށް މަންފާލިބެން ޖެހޭނެ ކަމަށެވެ.
މަސްވެރިންގެ އުފެއްދުންތައް އިތުރުކުރެވެން ޖެހޭނެ ކަމަށާއި މަސްވެރިން އުފައްދާ އުފެއްދުންތައް ދުނިޔޭގެ މާކެޓްކުރެވޭނެ އިންތިޒާމް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އިސްތިހާރު ކުރަން އެކަށީގެންވާ ފައިސާ ހަމަޖައްސާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ކެޔޮ މުހައްމަދުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފަ އެވެ. އަދި ސޯސަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް ތާއިދުކޮށް ވަރަށް ބޮޑަށް އޭނާއަށް ތައުރީފްކުރަމުންނެވެ.