twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒް ކުރިމަތިލައްވައިފި

ޚަދީޖާ އާދަމް
Aug 25, 2019
1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ބެންޗަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން ހުޅުވާލުމާއި ގުޅިގެން ހދ ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒް ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި އެވެ.

ހދ ވައިކަރަދޫއަށް ނިސްބަތްވާ ނިޔާޒް ހދ އަތޮޅު އިސް މެޖިސްޓްރޭޓްގެ މަގާމާއި ވައިކަރަދޫ ކޯޓްގެ ގާޒީކަން އަދި ކުޅުދުއްފުށީ ކޯޓްގެ ގާޒީކަންވެސްކޮށްފައިވެ އެވެ. ނިޔާޒް މިހާރު އަދާކުރަމުންގެންދަވަނީ ހައިކޯޓްގެ ފަނޑިޔާރެއްގެ މަގާމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން މިހާރު ޖީއެސްސީގެ ލަފަޔަށް ފޮނުވާފައިވާއިރު، އިތުރަށް ހުޅުވާލި ހަތަރު ފުރުސަތުގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ހައި ކޯޓުގެ އިތުރު 3 ފަނޑިޔާރުން ވަނީ އެ މަގާމަށް ކުރިމަތި ލައްވާފައެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މި ހަތަރު ފަނޑިޔާރުންނަކީ ވެސް ހައި ކޯޓުގައި ބޮޑެތި މަދަނީ އަދި ޖިނާއީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ބެއްލެވި ފަނޑިޔާރުންނެވެ.

މީގެ އިތުރުން ފަނޑިޔާރު ކަމަށް ރައީސް ފޮނުއްވި ދެ ނަމަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ސުޕްރީމް ކޯޓަށް މިހާތަނަށް ގިނައިން އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދު މެންދުރު 12:00 އަށް ހަމަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355