ދމި އަހަރުގެ ބަޖެޓުގެ ގޮތުގައި ހަރަދު ކުރުމަށް 27.3 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް އެ އަދަދަށް އިތުރު 1.7 ބިލިއަން ރުފިޔާ ހިމެނުމަށް ފާސްކޮށްފި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ދައުލަތުގެ ބަޖެޓް އިތުރުކުރުމަށް ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓް ކޮމިޓީގައި މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރަނީ ކެޕިޓަލް ޚަރަދަށެވެ. އެއީ 1.1 ބިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރިކަރަންޓް ޚަރަދަށެވެ. އެގޮތުން ގާތްގަނޑަކަށް 588 މިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށް ކަނޑައަޅާފައިވެ އެވެ.
އިތުރަށް ހިމެނި މައިގަނޑު ކަންތައްތަކަކީ ލޯނާއި ސްކޮލާޝިޕަށް 300 މިލިއަން ރުފިޔާ، ބާ ކައުންސިލް އާއި ނޭޝަނަލް އާބިޓަރީ ސެންޓަށް 18.7 މިލިއަން ރުފިޔާ، ފަސް ޓާޝަރީ ހޮސްޕިޓަލަށް 295.4 މިލިއަން ރުފިޔާ، އެސްއެމްއީތަކަށް 350 މިލިއަން ރުފިޔާ، ސަބްސިޑީ ދިނުމަށް 189.4 މިލިއަން ރުފިޔާ، ބަޖެޓް ކޮންޓިންޖެންސީއަށް 225 މިލިއަން ރުފިޔާ އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީއަށް 150 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ބަޖެޓަށް ގެނައި މި ބަދަލާ އެކު އާމްދަނީގެ ގޮތުގައި ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 618.8 މިލިއަން ރުފިޔާ އާއި އިންޑިޔާ ސަރުކާރުން ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މިއާ އެކު މި އަހަރު ނިމޭ އިރު ދައުލަތުގެ އާމްދަނީ 24 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ދައުލަތުން ހުށަހެޅި އިތުރު ކުރުމާ އެކު މި އަހަރުގެ ބަޖެޓު 31.9 ބިލިއަނަށް އިތުރުވެގެންދާނެ އެވެ. އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރުވެ މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދު 29 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.