ހދ އަތޮޅު ޕޮލިސް ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސަވައިފި އެވެ. މި މަގާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ.
އަތޮޅު ކޮމާންޑަރުންނަކީ ފުލުހުންގެ ޚިދުމަތް ދެމުންދާއިރު އެ އަތޮޅުގައި ކަންކަން ދުވަހުން ދުވަހަށް ބައްލަވައި މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށާއި އޮޕަރޭޝަންތައް ހިންގަވައި މައްސަލަތައް ތަޙްޤީޤު ކުރައްވައި ރައްޔިތުންނާއެކު ރައްޔިތުންނާއި ގާތުން މަސައްކަތްތައް ރާވައި ހިންގުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ އެންމެ އިސް ފުލުހެވެ.
މީގެ އިތުރުން އެ އެއަތޮޅެއްގައި ކުށުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތްތައް ރާވައި ހިންގައި އިޖުތިމާއީ ހަރަކާތްތަކާއި އެސަރަޙައްދެއްގައި ކުރެވޭ އިގްތިސޯދީ މަސައްކަތްތަކަށް ފަހި މާޙައުލެއް ޤާއިމްކޮށް ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާޙައުލެއް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމުގައި އެ އަތޮޅެއްގައި އެންމެ އިސް ފުލުހެއްގެ ގޮތުގައި ހުންނަވާނީ އަތޮޅު ކޮމާންޑަރެވެ.
އާއިޝަތު ނިޝާ ކުރިން މަސައްކަތް ކުރެއްވީ ސްޕެސިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް (އެސްއޯ) އާއި ސްޓްރެޓީޖިކް ޕްލޭނިންގ ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްކުރަމުންގެންދާ ޕޮލިސް އެކަޑަމީގައެވެ. ކުރިން ހދ.އަތޮޅު ކޮމާންޑަރގެ މަޤާމު ފުރުއްވި އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބު ހދ.އަތޮޅު ޕޮލިސް ސްޓޭޝަންތައް ކުރިއެރުވުމަށް ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ރަޖުނީ ޝުއައިބު 01 އަހަރު ދުވަހުގެ ޑިއުޓީ ޓާމް ނިންމަވާ 2019 އޮގަސްޓް 24 ވަނަދުވަހު ވަނީ މާލެ ފުރާ ވަޑައިގެންފަ އެވެ.
ބޮޑެތި އާބާދީތައް އޮންނަ އަތޮޅުތަކުގެ ޕޮލިސް ކޮމާންޑަރުންނަށް އަންހެން ބޭފުޅުން ހަމަޖައްސާފައިހުންނަނީ ވަރަށް މަދު ފަހަރަކު އެވެ.