twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަދީބު ޓެގް އެޅުވުމަށް ފަހު ގެއަށް ބަދަލުކޮށްފި

ނަބީލާ އިސްމާޢީލް
Aug 29, 2019

މޮނީޓާ ކުރެވޭގޮތަށް ޓެގް އެޅުވުމަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފިއެވެ. އަދީބު ވަނީ ގޭ ބަންދުގައި ބަހައްޓާފައި ހުއްޓާ ކުރިންވެސް ފިލަން މަސައްކަތް ކުރައްވާފައެވެ.

އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ މާފުށީ ޖަލުގައި ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އެވެ. އަދީބު އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާތެރޭގަ އެވެ. އަދީބު ވަނީ ހިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

މީޑިއާތައް ބުނާގޮތުގައި އަދީބު ގޭބަންދަށް ބަދަލުކުރިކަން ޔަގީންކޮށްދިނުމުގެ އިތުރުން އެހެން އެއްވެސް މައުލޫމާތެއް ކަރެކްޝަނަލް ސާރވިސްއިން ހިއްސާކޮށްފައި ނުވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އަދީބު ވަނީ ހެކިބަސް ދެއްވައިފަ އެވެ. އަދީބު ވަނީ ޔާމީންގެ އެންގެވުމަށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރެއްވި ކަމަށް އިއުތިރާފު ވެވަޑައިގެންފަ އެވެ.

ސްޕްރީމް ކޯޓުގެ އަމުރަކަށް ފާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބް ވަނީ މި މަހު ކުރީކޮޅު ވާގޯ 9 ނަމަކަށް ކިޔާ ފިލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތް ކޮށްފައެވެ. މި މައްސަލާގައި އަދީބުގެ މައްޗަށް މިހާރު ވަނީ ގާނުނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355