* ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމުގައި ރައީސް ވިދާޅުވި
ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމައާ ހަވާލުކުރާ ދަރިއަކީ ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމަށާއި ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށާއި، މިއަދު ގައުމަށް ބޭނުންވަނީ ތައުލީމީ ގޮތުން ގާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އާ އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ، ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތައުލީމީ ހަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށްކަމަށާއި، އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޤައުމުގެ އިޖްތިމާޢީ ހާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖައާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭކަމުގައެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.