twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރިލްވާން މަރާލާފައިވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާއަތަކުން: މަރު ކޮމިޝަން

ނަބީލާ އިސްމާޢީލް
Sep 1, 2019

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ކުރިން ސީރިއާގައި ހަނގުރާމަކުރާ ދިވެހިންގެ ބަޔަކާ ރިލްވާނާ ފޭސްބުކް މެދުވެރިކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެ ޖަމާއަތުން ރިލްވާނަށް އިންޒާރު ދީފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް އެރިކަން ސާބިތު ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވީނަމަވެސް ފެރީން ރިލްވާނާ ދިމާވި މީހުންގެ ވާހަކައިންނާއި ރިލްވާންގެ ފޯނު ސިގްނަލް ހުޅުމާލޭގެ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަމަށެވެ.

ދީނީ ހަރުކަށި ފިކުރު ފެތުރިފައި ވަނީ ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް ކަމަށާއި އެކަމާ ދެކޮޅަށް އެންމެން މަސައްކަތްކުރަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި. ރިލްވާން ވަގަށް ނެގުމާއި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވަނީ އެއް ބަޔަކު ކަމަށާއި އެ މީހުންގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވި ވެސް ސުއޫދު ވިދާޅުވިއެވެ.

ހަނގުރާމަ އަށް މީހުން ފޮނުވަން މަސައްކަތްކުރަނީ މަދު ބަޔެއްގެ މައްޗަށް އެކުލެވޭ "ސެލްތަކެއް" ކަމަށާއި ހުރިހާ ސެލްތަކެއްގެ މައްޗަށް އޮންނަނީ ބޮޑު ޖަމާއަތެއް ކަމަށާއި މިހެން މި ހަރަކާތްތައް ކުރިއަށްގެންދަނީ އެކަން ހިންގާ މީހުން ހޯދައިގަތުން އުނދަގޫ ކުރުމަށް ކަމަށާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވެސް ހައްޔަރުކޮށްފައި އެ ތިބީ އެފަދަ ކުޑަ ސެލްއެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

މި ބައިގަނޑުގެ ބޭނުމަކީ ސްކޫލުކުދިންނާއި ޒުވާނުން މަޅިގައި ޖައްސައިގެން މީހުން ރެކްރޫޓްކުރުމެވެ. މި ކޮންމެ ސެލްއެއްގައި އަމީރެއް ހުނަކަމަށާއި މި މީހުން އުންމަތުގެ ވާހަކަ ދައްކާ ކަމަށާއި ޕްރޮޕަގެންޑާ ވީޑިއޯ ދެއްކުމަށް ފަހު އެ މީހުންނަކީ މުޖާހިދުންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ މީހުން ކަމަށާއި އަމީރުންނަށް ކިޔަމަންނުވާ މީހުންނަކީ އުންމަތުގެ މީހުން ނޫން ކަމަށް ބުނާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ރިލްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާނުލަން އެއްބަޔަކު ބުނި ކަމަށާއި އެކަމަކު ކުުށުގެ އަދަބަކަށް އޭނާ މަރަންޖެހޭ ކަމަށް ބުނެ ހިޔާުލު ތަފާތުވީ ކަމަށް ބައެއް ހެކިބަސް ވަނީ ލިބިފައި ކަމަށާއި ހެކި ބަހުގެ ފުށުއެރުންތަކެއް އުޅޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރިލްވާންގެ ތަހުގީގު ޑައިވާޓްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެގޮތުން ފަންޑިތަ ހަދައި އޭނާ ހޯދަން ކަމަށް ބުނެ މާފަންނު ގެޔަކަށާއި ވިލިމާލެ އަށް ދަންވަރު ވަގުތު ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ރިލްވާން މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން ކުރިިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އަށް މެސެޖުކޮށްފައިވާކަމަށާއި އަދި މި މެސެޖަށް ފަހު އެ މީހާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355