ކުޅުދުއްފުށީ އެއާޕޯޓްގައި އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ޓަވަރާ އަދި ބައެއް އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް އެއާޕޯޓް އިތުރު ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރުވެސް ވަނީ މީގެ ކުރިން ކުޅުދުއްފުށީފައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
ކޭއޯއަށް ދެއްވި އިންޓަވިއުގައި ރީޖަނަލް އެއާޕޯޓްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރަށް، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެއާޕޯޓް ރަންވޭގެ ލައިޓިން ސިސްޓަމް މިހާރު ބަޖެޓް ކުރެވިފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ މިފެށޭ އަހަރު އެމަސައްކަތްތައްވެސް ފެށިގެންދާނެކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެފަރާތުން ދޭ ކުރެހުމަކާ އެއްގޮތަށް އެއާޕޯޓްގައި ރެސްޓޯރެންޓެއް ހަދަން ބޭނުންވާ ބަޔަކު ހޯދުމަށް މިހާރުވެސް އިއުލާންކޮށްފައިވާ ކަމަށެވެ.
"އެއާޕޯޓްގެ ޓާމިނަލް ކައިރީގައި ރެސްޓޯރަންޓް ހެދިގެންދާއިރު ޕަބްލިކް ޓޮއިލެޓަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކިން ޓޮއިލެޓަކާއި ބްރެސްޓް ފީޑިން އޭރިއާއެއްގެ އިތުރުން އެއާޕޯޓްގެ ހިދުމަތަށް އަންނަ ފަރާތް ތައް މަޑުކޮށްލެވޭނެގޮތަކަށް ޕްލޭން ކުރެވި ހެދިގެންދާނީ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް މިވަގުތަށް ބޭނުންވާ މުވައްޒަފުންނެގުމަށްޓަކައި މިދިޔަމަހުގެ ފަހުކޮޅުވަނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކާ އިންޓަވިއުކޮށްފަ އެވެ.
މިސަރުކާރުން ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީކޮށް ދިނުމަށް ހާއްސަ އިސްކަމެއްދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.