ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމީ ދާއިރާގައި ޤައުމުތަކުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަކުރައްވައި، މިފަދަ ޤައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތައުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތައުލީމީ ދާއިރާގައި އެޤައުމުން ފެނިވަޑައިގެންނެވި ތައުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން ހިއްސާ ކުރެއްވިއެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއްނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށްވެފައިވާކަމަށް އެމަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވި އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ތަޢުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ޤައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ޚިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމްކޮށްދިނުމެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ކެމްޕަސް ކުރިމައްޗަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޝަރަފުގައި އައްޑޫ ސްކޫލްތަކުގެ ސީނިއަރ ކެޑޭޓުން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.