ހދ. ކުމުންދޫން ބަންޑާރަ ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތް އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
އެރަށުން ގޯތި ދޫކުރަން ނިންމީ ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން އެރަށު ރައްޔިތުންނަށް ދިމާވާ ދަތި ތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ކައުންސިލުން ބުނެއެވެ. އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. މި ގޯތި ތަކަކީ 3000 އަކަފޫޓްގެ ގޯތި ތަކެކެވެ.
ގޯތި ލިބޭ މީހުން ކަނޑައަޅާނީ ޕޮއިންޓް އުސޫލުން ކަމަށާއި ދޫކުރަން ހަމަޖެހިފައިވާ ގޯއްޗަށްވުރެ ޕޮއިންޓްގެ މިންގަޑަށް ފެތޭ މީހުންގެ އަދަދު އިތުރު ވެއްޖެނަމަ ގޯތި ދޫކުރާނީ ގުރުއަތު ލައިގެން ކަމަށް މިކަމާބެހެ ގޮތުން ކުމުންދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ޕޮއިންޓް ދީފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުން މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން އެކައުންސިލަށް އަންގައި ދިނުމަށް އެ އިދާރާއިން އެދޭކަމަށެވެ. އަދި ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވުމާއި ގުޅިގެން ގޯތި ނަގަން ބޭނުން ނުވާނަމަ އެކަންވެސް މިމަހު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އަންގަން ވާނެކަމަށެވެ.