ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓަލިން ފެކްޓަރީގެ މެޝިނަކަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު މިއަދުން ފެށިގެން ފެން ވިއްކަންފަށާފައިވާކަމަށް އައިލެންޑް ބެވަރޭޖް މޯލްޑިވްސް(އެމްއައިބީ) ބުނެފި އެވެ.
ކޭޢޯއަށް މަޢުލޫމާތު ދެއްވަމުން އައިބީއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ ބޮޓަލިން ޕްލާންޓްގެ ދެ މެޝިނަށް މިދިޔަމަހުގެ ފަހުކޮޅު ދިމާވީ މައްސަލަ ހައްލު ކުރެވި މިހާރު ކުޅުދުއްފުށިން އަލުން ފެން ވިއްކަން ފެށިފައިވާ ކަމަށެވެ.
މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން މިހާރު ރަންކުރެވޭ. ފެން މިހާރު އުފެއްދޭ ކަމަށާއި އެހެންނަމަވެސް ބޭނުންވާ ސްކޭލްގައި ޕްރޮޑަކްޝަން އުފެއްދުމަށް އަދި އުނދަގޫތަކެއް އެބަހުރި."އިބްރާހިމް އަންވަރު ވިދާޅުވި އެވެ.
އިތުރަށް އެމްޑީ އަންވަރު ވިދާޅުވީ ރަނގަޅު ސްކޭލްގައި ޕްރޮޑަކްޝަން ކުރިއަށް ގެންދިއުމަށްޓަކާ މެޝިންތަކުގެ ސްޕެއާރޕާޓްސްތައް މިހާރު ރާއްޖޭން ބޭރުން ގެންނަމުންދާކަމަށާއި ބައެއް ސްޕެއާރތައް މިހާރު މާލެ އައިސްފައިވާ ކަމަށެވެ.
"އެތަކެތި ކުލިއަރ ކުރުމަށްފަހު ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް ފޮނުވޭނެ. އެސްޕެއާރ ޕާޓްސްތައް އިންސްޓޯލް ކުރެވިގެން އެންމެ ރަނގަޅު ސްޕީޑްގައި ޕްރޮޑަކްޝަން ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން މިގެންދަނީ. ރައްޔިތުންނަށް އެހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭތޯ .މި މަސައްކަތް ކުރަނީ" އެމްޑީ އިބްރާހިމް އަންވަރު ވިދާޅުވި އެވެ.
ބޮޓަލިން ޕްލާންޓްގެ ދެ މެޝިނަށް މައްސަލަދިމާވެ ފެން ހެދުން ހުއްޓިފައިވަނީ މިދިޔަ މަހު ފަހުކޮޅު އެވެ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ފެން އުފައްދާ މި ކާރުހާނައިން ފެން އުފައްދާ ބާޒާރަށް ނެރެން ފެށުމާއެކު މިސަރަހައްދުގައި ތާޒާ ފެން ފުޅީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ. މިތަނުގައި ތިން ސައިޒެއްގެ ފުޅީގައި ދަނީ ފެން ބަންދުކުރަމުންނެވެ. އެއީ 330 މލ އާއި 500 މލ އާއި 1.5މލ ފުޅި އެވެ.
އައިބީއެމްގެ ބަޖެޓުން 30 މިލިއަން ހަރަދުކޮށްގެން ހެދި އެ ޕްލާންޓްގައި ގަޑިއަކު 9000 ފުޅި ބަންދުކުރުމުގެ ގާބިލްކަން ލިބިގެންވެ އެވެ.