ހއ. ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ހއ. ހޯރަފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ކުރެހުން ތަކާއި ބީއޯކިއު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމުން ފައިދާވެގެންދާނީ ހަމައެކަނި ހޯރަފުށީގެ ރައްޔިތުންނަށް ނޫން ކަމަށާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވެގެންދާނެ ކަމަށެވެ.
އަދި އެސަރަހައްދަކީ ދަތުރު ފަތުރު ކުރުމުގައި ދަތި ސަރަހައްދެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ އިންތިޒާމް މިހާރު އޮތް ވަރަށް ވުރެ ބޮޑަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު ހޭދައެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވަށާ ޖެހޭ ޚިދުމަތެއް އެތަންތަނުން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޕަބްލިކް ހެލްތާއި މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ވަސީލަތްތަކާއި ޓްރެއިނިންގ އާއި ކިޔަވާދިނުމުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.