twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިހަހާސް ހަމަކޮށްފި، އަދިވެސް ސިޓީއެއްގެ ދަރަޖަ ދޭކަށް ނުވޭތަ؟

އިބްރާހިމް ހަމީދު
Sep 12, 2019
8

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު 13 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި 10002 މީހުން އާބާދީގައި ރަޖިސްޓްރީގައިވެ އެވެ. އެއީ 5107 ފިރިހެނުންނާއި 4895 އަންހެނުންނެވެ. ދިހަހާސް ހަމަވުން ލަސްވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ރަށްްވެހިކަން އެކަށީގެންވާ އަދަދަކަށް މީހުން ދޫކޮށްލުމުންނެވެ.

އެއްފަސް ނުކޮށް އާބާދީގައި ދިހަހާސް ހަމަވެފައިވާއިރު ތަފާތުއެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ހިޖްރަކޮށްގެން އުޅޭ މީހުންނާއެކު އެ އަދަދު 12 ހާހަށް އަރާނެ އެވެ. އެކަމަކު އަދިވެސް ވަނީ ސިޓީއެއްގެ ދަރަޖަ ނުލިބި އެވެ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް މިއަހަރުގެ އޭޕްރީލް މަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

އެހެންނަމަވެސް އެއިސްލާހު ހުށަހެޅިތާ ފަސް މަސްވެގެން ދިޔައިރުވެސް ކުޅުދުއްފުށީ ސިޓީއަކަށް ބަދަލު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް ކުޅުދުއްފުށީ ރައްޔިތުންނަށް ނޭގޭކަމަށް މިއަދު ރައްޔިތުންގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެ ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ ދުވަހެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ހިނގައިދާނެ ކަމާމެދު ސުވާލު އާންމުންގެ ތެރޭގައި މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިދިޔަ އަހަރު އޯގަސްޓްމަހުގެ ތޭރަވަނަ ދުވަހުގެ ރޭ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އޭރުގެ އިދިކޮޅު ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، ކުޅުދުއްފުށީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރެވި އަދި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން މިއަދު ބުނަމުންދަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމުގެ ހުވާކޮށް ވެރިކަމަށް އަހަރުވެގެންދާއިރުވެސް އެބުނާ ޤާނޫނީ ހުރަސްތައް ނައްތާލައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުދެވިގެން މިއުޅޭ ސަބަބެއް އެއްގޮތަކަށްވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ޤާނޫނުތަކާއި ގަރާރުތައް ވަގުތުން ވަގުތަށް ފާސްވެ ތަސްދީގު ކުރެވިގެންދާއިރު ބާރަހާސް ރައްޔިތުން ދިރިއުޅެމުންދާ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މިހާ ދުވަސް ވާންޖެހޭތޯ ރައްޔިތުން މިއަދު ދަނީ ސުވާލު އުފައްދަމުންނެވެ.

ކުޅުދުއްފުއްޓަކީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުތަކުގައި ވެސް މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީއަށް މެޖޯރިޓީ ދީފައިވާ ރަށެއް ކަން ފާހަގަ ކުރެވެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މިއަދު ބުނަމުންދަނީ ރާއްޖޭގެ ވެރިކަމާއި ހަވާލުވި އެއްވެސް ވެރިއެއް މިހާތަނަށް ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހާލު ނުބައްލަވާ ވެރިއެއް ނެތްކަމަށެވެ. އެހެންނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް އަހަރެއްވާން ކައިރި ވަމުންދާއިރު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށްފައިނުވާ ކަމަށެވެ.

ދެން ރައީސް ކަމާއި ހަވާލުވުމަށްފަހު ނިމިދިޔަ މަޖިލީސް އިންތިހާބުގައި ކުޅުދުއްފުއްޓަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ޒިޔާރަތެއް ކުރެއްވިއެވެ. އެދަތުރުފުޅުގައިވެސް ރައްޔިތުންނާ ބައްދަލުކޮށްފައިނުވާ ކަމަށް ރައްޔިތުން ދަނީ މިއަދު ބުނަމުންނެވެ.

ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެ މިހާތަނަށް ސިޓީއެއްގެ ދަރަޖަ ދެވިފައިނުވާނީ ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ހދ އަތޮޅުގައި ވެރިކަން ކުރާ ރަށަކީ ކުޅުދުއްފުއްޓަށްވެފައި، ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ވެއްޖެނަމަ ހދ އަތޮޅުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތެއް ގާނޫނޫގައި ބަޔާންކޮށްފައެއް ނުވެ އެވެ. މިކަމަށް ގާނޫނީ ހައްލެ ހޯދިފަ އެއް ނުވެއެވެ. މިހާތަނަށް މާލެ ފިޔަވާ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އައްޑޫ އާއި ފުވައްމުލަކަށް މި މައްސަލަ ދިމާވެފައި ނުވަނީ، ސިޓީއަކަށް ބަދަލުވެފައިވަނީ މުޅި އަތޮޅު އެއްކޮށްކަމަށް ވާތީ އެވެ. އެކަން އެހެން ދިމާވީ އެ ދެ އަތޮޅަކީވެސް ޤުދުރަތީގޮތުން އެއްފަސް ތަނަކަށްވުމުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ޝަރުތުތައް އެރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި ފުރިހަމަވާނަމަ އެ ހުށައެޅުމެއް ޤަބޫލުކޮށް އެރަށަކީ ނުވަތަ އެއަވަށަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންންވާނެކަމަށެވެ.

އަދި ސިޓީއަކަށް ބަދަލުވުމުން ކުރިން ހިންގަމުންދިޔަ ރަށު ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް ލިބިދޭ ހުރިހާ ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބިގެންދާނެކަމަށްވެސް އިސްލާހުގައިވެއެވެ. އަދި ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއްވެސް އެސިޓީން ލިބިދޭންވާނެ ކަމަށްވެސް އަލަށް ހުށަހެޅި އިސްލާހުގައިވެއެވެ.

މީގެ އިތުރުން އިސްލާހުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކީ މީހުން ދިރިއުޅޭ އެއްރަށަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއްގައި ހިމެނޭ ރަށެއްކަމުގައިވެފައި އެރަށަކީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާނަމަ އެ ރަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ އަތޮޅުގެ ވެރިކަންކުރާނެ ރަށަކާމެދު ގޮތެއް ނިންމަންވާނެއެވެ.

މީގެ އިތުރުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަނީ އެ ރަށް ހިންގުމަށް އިންތިހާބުވެފައިވާ ރަށު ކައުންސިލު އިންތިހާބުވުމަށްފަހު އެ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ އެ ރަށަކީ ސިޓީއެއްކަމުގައި ކަނޑައަޅާ އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުންކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.

އަދި އެ ހާލަތުގައި އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355