ކުޅުދުއްފުށިން މާލެ ދިޔުމަށް މިއަދު ފުރި ބޯޓަކުން ކަނޑަށް އުކާލި ކުނިތަކެއް ނަގައި ޒުވާނުންތަކެއް މިސާލު ދައްކައިފި އެވެ. މިއަދު ހަވީރު ކުޅުދުއްފުށިން މާލެއަށް ދިޔުމަށް ފުރި ފާޅުބޯޓުން ކުނިތަކެއް ކަނޑަށް އުކާލީ ބަނދަރުން ނުކުތުމަށް ފަހު އެވެ.
މިމަންޒަރު ފެނުނީ އެވަގުތު ޑިންގީއެއްގައި މަސްބާނަން ގޮސް ރަށަށް އައި ޒުވާނުންތަކަކަށެވެ. ވަގުތުން އެ މަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލީ ބަޔަކު ފަލީހަށް ކުރުމުގެ ބޭނުމެއްގައި ނޫނެވެ. ދިވެހީންގެ ތެރޭގައި ހުރި މިފަދަ ވަރިހަމަ، ފަރުވާކުޑަ އަމަލުތައް ހުއްޓުވުމަށެވެ.
އަބުދުލް ހަމީދު ދޫކޮށްލި އެ ފޮޓޯތަކުން ފެންނަގޮތުގައި އެ ބޯޓުން އުކާލި ކުނިތަކުގެ ތެރޭގައި ކަރުދާހު ފޮއްޓާއި ޓޮމާޓޯ ޕޭސްޓް ހުސް ދަޅާއި ޕްލާސްޓިކް ކޮތަޅު ގިނައިން ހުރިތަން ފެނެ އެވެ. ހަމީދު ކޭއޯއަށް ބުނީ ކުނިތައް އުކާލީ ބޯޓް މަޑުކޮށްލުމަށްފަހު ކަމަށެވެ.
"އަހަރެމެން އުޅުނީ ކުޑަ ލޯންޗެއްގައި ކުޅުދުއްފުށީ ބޭރުމަތީގައި މަސްވެރިކަމުގައި. މަޖަލަށް އާންމުކޮށް އެގޮތަށް މަސްބާނަން ގޮސް އުޅެން. އެތަނުގައި އުޅެނިކޮށް ފާޅުބޯޓް ނުކުތީ މާލެ ފުރަން. އެތަނަށް މަޑުކޮށްލާފަ ކުނިތައް އުކާލާފަ ދިޔައީ." ރިސޯޓެއްގައި ވަޒީފާ އަދާކުރާ ހަމީދު ބުންޏެވެ.
ބޯޓުން އުކާލި ކުނިތައް ކަނޑުން ހޮވައި ނެގީ ހަމީދު އާއި އޭނާއާއެކު މަސްބާނަން އުޅުނު ރައްޓެހިންނެވެ. އެކުންޏަކީ ކުޅުދުއްފުށީ ބަނދަރުގައި ބޯޓް އޮތްއިރުވެސް ހުރި ކުންޏެވެ. ފެންނަށް ހުރި ފޮޓޯތަކުން އެކަން އެނގެ އެވެ.
ހަމީދު ބުނީ އެމީހުންނަށް ނެގުނީ ބައެއް ކުނިތައް ކަމަށާއި އަތު ނުޖެހި ބައެއް ކުނި އަޑިއަށްވެސް ދިޔަ ކަމަށެވެ. އޮޔާދިޔަ ބައެއް ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތިވެސް ހޮވި އެވެ. ހަމީދު ބުނީ ބޯޓުން އުކާލީ ނިސްބަތުން ގިނަ ކުނިތަކެއް ކަމަށެވެ.
"އެއީ ނިސްބަތުން ވަރަށް ބައިވަރު ކުނި". ސަބަބެއްގެ ގޮތުގައި ހަމީދު ބުނީ އެ ކުންޏަކީ ހަލާކުވާ ޒާތުގެ ކުންޏަށް ނުވާތީ އެވެ. އެތަކެއް އަހަރުތަކެއް އެފަދަ ކުނިތައް ވިރާނާވުމަށް ހޭދަވުމެވެ. 6 ޒުވާނުން ވެގެން ކުނިތައް ނަގައި މިހާރު ހުރީ ބަނދަރުގައި ހުރި ޑަސްބިނަކަށް ލާފަ އެވެ.
މިފަދަ އަމަލުތައް ހުއްޓުވޭނީ ރައްޔިތު މީހާ ތަހުޒީބުވެގެން ކަމަށާއި މިގޮތަށް މާލެ ދާން ނުވަތަ މާލެއިން ފުރާ ކޮންމެ ފަހަރަކު ކުނިފޮށި ގަނޑެއް މޫދަށް އެއްލާލަންވީމަ އެއީ ހަގީގަތުގައިވެސް ވަރަށް ގިނަ ކުނި ކަމަށެވެ. މިހާރުވެސް ފަރުތަކުގައި ފީނާލާއި ވަރަށް ގިނަ ޕްލާސްޓިކް ކުނި ފެންނަކަށް ހަމީދު ބުންޏެވެ.
ރާއްޖޭގެ މައިގަނޑު ތިމާވެއްޓަކީ ކަނޑު ކަމަށްވުމުން ފަރުތައް ސަލާމަތްކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށާއި މޫދަށް ކުނިއެޅުން ހުއްޓާލާ ރައްޔިތުން މީހާ ތަރައްގީވުމަކީ މިއީ ހަމީދުގެ މެސެޖެވެ.
ކުނިތައް ނެގުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މި ހަ ޒުވާނުންނަށް ތައުރީފްކޮށް ހިތްވަރު ދެމުންނެވެ.