twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަމީރު އަމީން ސްކޫލުގައި ހިންދޫ ދީނުގެ ހަފްލާއެއް ބޭއްވިކަމަށް ބުނާ ވާހަކަ ކައުންސިލުން ދޮގުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 16, 2019
15

ކުޅުދުއްފުށީ ސްކޫލެއްގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ފާހަގަކުރަމުންދާ ދީނީ އިހްތިފާލެއް ބޭއްވިކަމަށް ބުނެ ފަތުރަމުންދާ ޙަބަރު ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީގައި ދިރިއުޅޭ އިންޑިޔާ ޓީޗަރުންތަކެއް އިސްނަގައިގެން އަމީރު އަމީން ސްކޫލްގައި ބޭއްވި "ގެޓް ޓުގެދާ" ގެ ފޮޓޯތަކެއް އާންމުކޮށް ބައެއް ފަރާތްތަކުން އަންނަނީ އެއީ ދީނީ ހަފްލާއެއްކަމަށް ބުނެ ވާހަކަދައްކަވަމުންނެވެ.

އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމްވެސް ވަނީ އެފަދަ މޭރަމަކުން ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިހްތިފާލެއް ވަރަށް އަލިގަދަ، ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ ކަމަށެވެ.

އަލީ އާދަމްގެ އެ ވާހަކަތައް ދޮގުކޮށް ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ ދީނާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ހިނގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފުކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެތަނުގައި ބޭއްވީ ބިދޭސީންގެ "ގެޓް ޓު ގެދަރ" އެއް

ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ނާސަރީ ސްކޫލެއްކަމަށްވާ އަމީރު އަމީން ސްކޫލުގައި މިދިޔަ ހުކުރުދުވަހު ހުކުރު ވަގުތު ބަޔަކު ދީނީ އަޅުކަމެއް ކުރިކަމަށްބުނެ ވަރަށް ބާރަށް ރަށުތެރޭގައި ދަނީ އަޑުފެތުރެމުންނެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ހޯދުމަށް މިނޫހުން ވަނީ މަސައްކަތްތަކެއްވެސްކޮށްފަ އެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ އިންޑިޔާގެ ޓީޗަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ ސްކޫލްގެ ހުއްދައާއެކު އެވެ. ސްކޫލުން ހުއްދަދިނީ ދީނީ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމުންނެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ އެމީހުން އުފުލާނެކަމަވެސް ހުއްދައަށް އެދި ފޮނުވި ސިޓީގައިވެ އެވެ. މި ހަފްލާގެ މަގުސަދަކަށްވެފައިވީ އެންމެ އެއްތަނަކުން އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި ކެއުމަކަށް އިންސާފުކޮށްލުމެވެ.

އެގޮތުން އެމީހުން ސްކޫލް ހިފާފައިވަނީ މިދިޔަ ހުކުރުދުވަހު ހެނދުނު 8 ން ހަވީރު 4 އަށެވެ. ކެއުން ކުރިއަށްގެންދިޔައީ މެންދުރު 1:15 އިން ފެށިގެންނެވެ. އެ ކެއުމުގައި ބައެއް ދިވެހިންވެސް ބައިވެރިވި އެވެ. އެއީ ދައުވަތު އަރުވައިގެން ދިޔަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލުތަކުގައި ވަޒީފާ އަދާކުރާ މީހުންނެވެ.

އެ ހަފްލާގައި އުޅުނު އިންޑިޔާއަށް ނިސްބަތްވާ މުސްލިމަކު ބުނީ އެތަނުގައ ދީނީ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

" އެތަނުގައި އުޅުނު މުސްލިމުން ދިޔަ ހުކުރަށްވެސް. ހަމައެކަނި އެއް ދީނެއްގެ ބައެއް ނޫން އެތަނުގައި އުޅުނީއެއް." އިންޑިޔާ ޓީޗަރަކު ބުންޏެވެ.

ދީނީ ކަމެއްކަމަށް ދިވެހިންނަށް ހީވީ އެތަނުގައި މާ ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިނެއް ހުރީމަކަމަށް އެ ހަފްލާގައި ބައިވެރިވި އެހެން ބިދޭސީ މުސްލިމަކު ބުންޏެވެ. އޭނާ ބުނީ މާ ބޭނުންކޮށްގެން ޑިޒައިނެއް ހެދީ ދައުވަތުދީ އަންނަ މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ކަމަށާއި އެކަން ހުއްދައަށް އެދި ފޮނުވި ސިޓީގައިވެސް ހިމަނާފައިވާނެ ކަމަށެވެ.

އެ ހަފްލާ ބޭއްވުމުގައި އިސްކޮށް އުޅުނު ބިދޭސީއަކުން ބުނީ މިއީ މިގޮތަށް ބޭއްވި ފުރަތަމަ ހަފްލާ ނޫން ކަމަށާއި މީގެ ކުރިންވެސް އެގޮތަށް "ގެޓް ޓު ގެދާރ" ބާއްވާފައިވާނެ ކަމަށެވެ. އަދި އަމީރު އަމީން ސްކޫލުގައި ހަފްލާކުރިއަށްދިޔައީ އެދުވަހު އެއްވެސް ސްކޫލެއްގެ ހޯލް ނުލިބުމުން ކަމަށެވެ. މީގެ ކުރިން "ގެޓް ޓް ގެދަރ" ބާއްވަމުން ގޮސްފައިވަނީ ސަރުކާރު ސްކޫލްތަކުގެ ހޯލްގައި ކަމަށް އޭނާ ބުންޏެވެ.

އެތަނުގައި އެދުވަހު ޑިއުޓީގައި ހުރި ވޮޗަރު ބުނީ ދީނީ އެއްވެސް ކަމެއް އެތަނުގައި ހިނގި ކަމެއް ނޭނގޭ ކަމަށާއި އެފަދަ މަންޒަރެއްވެސް ފެނިފައިނުވާ ކަމަށެވެ.

އާންމުގެ ބަޔަކު ވަނީ އެކަން ކައުންސިލަށާއި ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި ފުލުހުންނަށް ރިޕޯޓްކުރުމުން އެތަނަށް އައިސް ބެލިކަމަށާއި އެތަނުން ދީނީ ކަންކަމު ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް ފުލުހުންނަށްވެސް ފެނިފައިނުވާ ކަމަށް އެމީހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355