ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ވޮލީ މުބާރާތުގައި 10 ޓީމަކުން ބައިވެރިވެއްޖެ އެވެ.
އަންހެން އަދި ފިރިހެން ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވުނު މި މުބާރާތުގައި ބައިވެރި ވެފައިވަނީ އަންހެން 6 ޓީމަކާއި ފިރިހެން 4 ޓީމަކުންނެވެ. އަންހެން ޓީމް ތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ، ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކުލަބް، ހަނިމާދޫ، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ އިތުރުން ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ކުމުންދޫ ސްޕޯޓްސް ކުލަބެވެ. ފިރިހެން ޓީމް ތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން، ނޮޅިވަރަމްގެ އިތުރުން ފިނޭ އާއި ވައިކަރަދޫ އިންސްޕިރޭޝަން ފޮރ ޔޫތު އެންވަޔަރމަންޓް އެންޑް ސްޕޯޓްސް (ވިޔެސް) އެވެ.
މި މަހު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަަމްގެ ވޮލީކޯޓްގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހު ހަވީރު 16:30 ގަ އެވެ. ފުރަތަމަ މެޗު ގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ކުމުންދޫ ސްޕޯޓްސް ކުލަބާއި ނޮޅިވަރަމްފަރު ސްޕޯޓްސް ކުލަބެވެ.
މުބާރާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހު 20 ން 26 އަށެވެ. ފިރިހެން އެއް ގުރޫޕް ސްޓޭޖް އަކަށް އޮތް ނަމަވެސް އަންހެން ޓީމްތައް ވަނީ 2 ގުރޫޕް ސްޓޭޖް އަކަށް ބަހާލެވިފަ އެވެ. ކޮންމެ ދުވަހަކު 3 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މެޗް ތަށް ކުޅޭނީ ހަވީރު އާއި ރޭގަނޑު ހިމެނޭ ގޮތަށެވެ. މި މުބާރާތް ހޯސްޓް ކުރަނީ ޑަބްލިއު ސްޕޯޓްސް އެކަޑަމީންނެވެ.