އިކޮނޮމިކް މިނިސްޓްރީން ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މި މަހު 18 އިން ފެށިގެން އެއް އަހަރު ދުވަހަށް މަނާކޮށްފި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު ހަމަވެފައި ވާތީ ދެން ގެނެވޭނީ އެހެން ގައުމުތަކުގެ މަސައްކަތްތެރިން ކަމަށެވެ. ކޮންމެ ގައުމަކަށް ކަނޑައެޅިފައިވަނީ ވަކި މިންގަނޑެއްގެ މަސައްކަތް ތެރިން ކަމަށެވެ. މިގޮތަށް ކަނޑައެޅި ނަމަވެސް ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނައުން މަނައެއް ނުވާނެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފަށާ މަސައްކަތާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެގޮތުން ކޮންމެ ގައުމަކަށް ކަނޑައެޅީ 150،000 ގެ ކޯޓާއެއް ކަމަށާއި މި މިންގަނޑަށް ބެލުމުން ބަންގްލާދޭޝްގެ ކޯޓާ މިހާރު ހަމަވެފައިވާ ކަމަށެވެ.
މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ހަ މަސް ދުވަހު އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާ ނަމަ ނިންމުން މުރާޖައާކުރާނެކަމަށެވެ.
ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖެ އަށް ބިދޭސީން ގެނެސް ގާނޫނާއި ގަވައިދާ ހިލާފް ކަންކަން ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ބަންގްލާދޭޝް ދެ މީހަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.