twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނަރުދަމާ ކޮޅު ވައްދައި ރަޖިސްޓްރީނުކޮށް ހުރި ގެތަކުގެ ބިލްތައް މައާފުކޮށްދޭން ވަނީ ނިންމާފަ: ޔާސިރު

ނަބީލާ އިސްމާޢީލް
Sep 26, 2019
1

ކުޅުދުއްފުށީގައި ނަރުދަމާގެ ކަނެކްޝަން ގުޅައި ހިދުމަތް ރަޖިސްޓްރީނުކޮށް ހުރި ގޭބިސީތަކުގެ ބިލްތަކަށް އަރާފައިވާ ފައިސާ މައާފުކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު މިކަން ހާމަކުރެއްވީ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ. އޭނާ ވިދާޅުވީ އެކަން ހައްލުކޮށްދިނުމަށް އެމްޑަބްލިއުއެސީއާއެކު ބޭއްވި ބައްދަލުވުން ކާމިޔާބުކަމަށެވެ.

ކުޅުދުއްފުށީގެ 168 ގެ އަކަށް ނަރުދަމާގެ ކަނެކްޝަން ގުޅި ހިދުމަތް ރަޖިސްޓްރީ ނުކޮށް ކޮންމެ މަހަކު މަހު ފީ ޗާޖް ކުރަމުން ގޮސް ބިލްތަކަށް 7820 ރުފިޔާ އަރާފައިވާ ކަމަށެވެ.

"މިވާހަކަ އަޅުގަނޑުމެން ކުރިންވެސް ދެއްކިން. އަޅުގަނޑުމެން ބޭނުންނުކުރާ ހިދުމަތަކަށް އަގެއް ނުނެގޭނެ." ޔާސިރު ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ފާހަގަކުރެވުނު އެކި އެކި ސަބަބުތަކާ ހުރެ އެބަހުރި ބައެއް ގެތަކުގެ ބިލް ވަރަށް ބޮޑުވެފަ. މި ގެތަކަށް އިތުރު ހިދުމަތެއްވެސް ނެނގޭކަށް ނެތް މިބިލް ނުދައްކައިގެން." ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހިދުމަތެއް ހޯދެން އަންނަނީވެސް އެ ބިލް ދައްކައިގެން ކަމަށާއި ބިލް ބޮޑުވެފައިވާ ވުމުން އެކަން ކުރަން ރައްޔިތުންނަށް ދަތިތަކެއް ހުރިކަމަށެވެ. އެހެންވުމުން އެ ބިލްތައް މަހުން މަހަށް ބަހާލައިގެން ލުއިގޮތަކަށް ދެއްކޭނެ ގޮތެއް ހަދައިދިނުމަށް އެމްޑަބުލިއުއެސްސީގައި އެދިފައިވާނެ ކަމަށާއި އެކަމަށްވެސް އެކުންފުނީގެ އެމްޑީގެ ފަރާތުން ވަރަށް އެދެވޭ ޖަވާބެއް ލިބިފައިވާކަމަށް ޔާސިރު ވިދާޅުވި އެވެ.

އަދި އެކި އެކި ސަބަބުތަކާ ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ފަރާތް ތަކަށް ލުއި ގޮތަކަށް ބިލްތަށް ތައްޔާރުކުރެވި ދިގުމުއްދަތަކަށް ބިލްތައް ބަހާލައި ދެއްކުމުގެ ފުރުސަތު ދެވި އަލުން ހިދުމަތް ގުޅައި ދެވިގެން ދާނެކަމަށް އެ ކުންފުނިން ބުނާކަމަށެވެ.

އަދި ކުޅުދުއްފުށީގެ ނަރުދަމާގެ މަހުފީގެ ގޮތުގައި ނަގަމުން އަންނަ 30 ރުފިޔާވެސް އެމްޑަބްލިއުއެސްސީން ހިދުމަތް ދޭ އެހެން ރަށްތަކާ އެކު އެ ފީ ކަނޑާލުމަށް މަޝްވަރާކުރެވުނު ކަމަށާއި މި ކަމުގައި ވެސް އަލިމަގު ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355