ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުން މުދާތަކެއް ގެއްލުނު މައްސަލަ ފުލުހަށް ހުށަހައަޅައިފި އެވެ.
ކޭއޯއަށް އެނގިފައިވާގޮތުން ސްޓޭޑިއަމްގައި ހުރި ގުދަނެއްގައި ހުރި މުދާތަކެއް ގެއްލުނު މައްސަލަ އެނގުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެތަނުގެ ސިޑިބަރި ދަށުގައި ހުންނަ އެ ގުދަނުން މުދާތަކެއް ގެއްލިފައިވާއިރު އެމައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
އެގުދަނުން މުދާތަކެއް ގެއްލުނުއިރު އެތަނުގައި އެ ގުދަނުގެ ދޮރަށް އަދި ތަޅަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ. އެތަނުން ގެއްލިފައިވަނީ ކޮންކަހަލަ އަދި ކިހާ މުދަލެއްކަމެއް ވަނީ ސާފުނުވެފަ އެވެ.
މިކަމުގެ އިތުރު ތަފްސީލް ހޯދާލުމަށް ކޭއޯއިން ސްޓޭޑިއަމް ހިންގުމާ ހަވާލުވެ ހުންނެވި ޔޫތް އެގްޒެކިއުޓިވް ޝައުފާ އިބުރާހިމް ހިލްމީ ގުޅާލުމުން ވިދާޅުވީ އެފަދަ މައްސަލައެއް ހިނގާފައިވާކަމަށާއި އެމައްސަލަ ފުލުހަށް ހުށަހަޅައި މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ޝައުފާ ވިދާޅުވީ އޭނާ ސްޓޭޑިއަމްއާ ހަވާލުވިއިރު އިންވެންޓްރީއެއް ތަނުގައި ނޯނަކަމަށާއި އެހެންވުމުން ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ތަނުގެ އިންވެންޓްރީއެއް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ޝައުފާ އެމަގާމަށް އައްޔަނު ކުރީ ދާދީ ފަހުންނެވެ. އޭގެ ކުރިން އެތަން ހިންގަމުންދިޔައީ އެޑްމިން އޮފިޝަލެއްގެ ދަށުންނެވެ. މީގެ ކުރިންވެސް ވަނީ އެތަނުން ތަކެތި ގެއްލުމުގެ މައްސަލައާއި ތަނުގެ މުދަލަށް ގެއްލުންދޭ މައްސަލަތަކެއް ފެންމަތިވި އެވެ.