twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި

ޚަދީޖާ އާދަމް
Sep 23, 2019

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މިއަދު ޝާއިރުކުރި ގަވައިދުގައި ވާގޮތުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް ގެންގުޅުމުގައި ގަވާއިދާ ހިލާފުވެއްޖެނަމަ ވަކި މުއްދަތެއް ނެތް ގޮތަށް އެފަދަ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ކަމަށެވެ.

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް ހެދުމަށް ނިންމީ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ ފުރާނަ ގެއްލި، ހަތަރު ގުދަނަކާއި ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

މިފަދަ ގަވައިދެއް ހެދުމުގެ މަގުސަދުގެތެރޭ ނުރައްކާތެރި ކެމިކަލްއަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ކެމިކަލް ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުން ހިމެނެއެވެ.

އެގޮތުން ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

* ކެމިކަލް އެތެރެެ ކުރާ ސަބަބު ސާފުކޮށް ބަޔާން ކުރުން

* ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮންމްޕްރެހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާ ކޮށްފައިހުރުން.

* ކެމިކަލް އެތެރެ ކުރަނީ ވިއްކަން ކަމުގައިވާނަމަ، އެ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ، ބޭނުން ކުރާނެ ގޮތް، އެ ގަންނަ ފަރާތަކަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން.

* ކެމިކަލް ގަނެ، އެތެރެ ކުރާ ފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި، މުދާ އެތެރެ ކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުން.

ޑިފެންސް މިނިސްޓްރީން ތަންފީޒު ކުރާ ގޮތަށް ހަދާފައިވާ "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުން، ކެމިކަލްއެއް އެތެރެ ކުރެވޭނީ، މީގެ ކުރިންވެސް އޮންނަ ގޮތަށް ޑިފެންސް މިނިސްޓްރީން އެކަމަށް އެދި ހުއްދަ ނަގައިގެންނެވެ.

ގަވައިދުގައިވާ ގޮތުން، އެ އެތެރެ ކުރެވޭނީ ކެމިކަލްގެ ބާވަތާއި، ނުރައްކާތެރި ކަމަށް ބެލުމަށްފަހުގައި، ޑިފެންސް މިނިސްޓްރީން ހުއްދަދޭ މިންވަރަކަށެވެ. އަދި ކެމިކަލް އެތެރެ ކުރާ ފަރާތުން ރެކޯޑު ބެލެހެއްޓުމަށް ވެސް ގަވައިދުގައިވަނީ މަޖުބޫރު ކޮށްފައެވެ. އެ އެމިނިސްޓްރީން ބޭނުންވެއްޖެނަމަ ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު ވެސް ގަވާއިދުން ދީފައިވެއެވެ.

މީގެ އިތުރުން އެފަދަ ގުދަނެއްގެ ދޮރުތަކަކީ ފަޔާ ރެސިސްޓެންޓް ދޮރުތަކަށް ވުމާއި އެ ގުދަނެއްގައި ސްޓޯ ކުރުން ހުއްދަ ދީފައިވާ އެއްޗެއް ފިޔަވައި، އެހެން ތަކެތި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށްވެސް ގަވައިދުގައި ބުނެފައި ވެއެވެ.

އަދި ކެމިކަލް ގުދަން ހުންނަން ޖެހޭނީ މީހުން ދިރުއުޅޭ ތަންތަނާ ވަކިންކަމަށާއި އަދި އެފަދަ ތަނެއް ތިން ފަންގިފިލާއަށްވުރެ އުސްކޮށް ނުހެދޭނެ ކަމަށް ބުނެފައިވެއެވެ.

ކެމިކަލް އެތެރެ ކުރާ ފަރާތުން، ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ހަރު ނުކުރާނަމަ، 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ގަވައިދުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355