twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދައުލަތުގެ ދަރަނި ފުރަތަމަ ފަހަރަށް 50 ބިލިއަނަށް އަރައިފި

ޚަދީޖާ އާދަމް
Sep 24, 2019
5

ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ދަރަނި 50 ބިލިއަނަށްވުރެ މައްޗަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ.

ރާއްޖޭގެ ދަރަނީގެ ތެރޭގައި ބޭރުގެ ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހޭދަ ހިމެނޭ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަން ފެށި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.

މީގެ ހަ މަސް ކުރިން ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.

އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިއަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރާ އިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގަ އެވެ.

މިދިއަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުން ނެގި ލޯނުގެ މިންވަރު 733.5 މިލިއަން ރުފިޔާއަށް އަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355