ދަރިވަރުންގެ ކިޔެވުމުގެ މިންވަރު ވަޒަންވެގެންދާނީ އެ ދަރިވަރެއްގެ އަހްލާގުންނާއި އަނެއްކާގެ ކުރިމަތީގައި ދައްކާ ރިވެތި ނަމޫނާއިންކަމަށް އިކޮނޮމިކް ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޖާހިދު މިހެން ވިދާޅުވީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ 2018 ވަނަ އަހަރީ އިނާމު ދިނުމަށް އެސްކޫލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރިވަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މުޖާހިދު ވިދާޅުވީ އެކި ނަންތައް ކިޔާ އެކި ސްކޫލުތަކަށް އެއްގޮތަކަށް އެއް ކަހަލަ ޔުނީފޯމެއް ލައިގެން އެއްގޮތަކަށް ހެނދުން އެޅި ޓައީ އަޅައިގެން ބޫޓަށް އަރައިގެން މިއަންނަނީ ހުސްއެކަނި ކިޔެވުމަށް ނޫން ކަމަށެވެ.
"ޒަމާން މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފަ. ގޭތެރޭގައި އިންދެގެން ކޮމްޕިއުޓަރާއި އަތުގައި ގެންގުޅޭ މޯބައިލް ފޯނުން އިނގިލި ކުރީން ދުނިޔޭގެ ހުރިހާ މަޢުލޫމާތުތަކެއް ލޮލުގެ ކުރިމައްޗަށް ގެނެވޭ ގޮތް އެބައޮތް".ސަރަފްވެރިމެހެމާން ވިދާޅުވި އެވެ.
އެހެންނަމަވެސް ކޮންމެ ދުވަހެއްގެ ހެނދުނުގެ ނިދިނަގާލާފައި ސްކޫލަށް ދަރިވަރުން މިއަންނަނީ ހަމައެކަނި ކިޔެވުމަށް ނޫން ކަމަށާއި ފަގީރެއް މުއްސަންޖެއް އަންހެން ފިރިހެން ބެލުމެއްނެތި ތަފާތު ކުދީންނާއެކު މިއަންނަނީ އަނެކަކާއެކު ރިވެތި އަހްލާގާއި އިހްތިރާމާއެކު އުޅެން ދަސްކުރުމަށްޓަކާ ކަމަށެވެ.
"މި އިހްތިރާމާއި މިއަދަބުތައް ދަސްނުވާނަމަ ދަރިވަރުން ކިތައްމެ މަތީ ފާހެއް ހޯދި ކަމުގައި އަޅުގަނޑުމެން އުޅުން އިސްލާހު ނުވެ އެއަކުން ކުރާނެ މާބޮޑު ފައިދާތަކެއް ނޯންނާނެކަމަށް ". ދަރިވަރުންނާ މުހާތަބުކުރަވަމުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި މުޖާހިދު ވިދާޅުވި އެވެ.
މިޒަމާނަކީ ސަނަދާއި ސެޓްފިކެޓްގެ ޒަމާން، އޮންލައިން ކޯސްތަކާއި ދުރުންދޭ ތައުލީމާއި ކޮލެޖް ޔުނިވާސިޓީ ތައުލީމާއި ތަފާތުއެކިގޮތް ގޮތުންވެސް ތައުލީމީ ފުރުސަތުތައް ހޯދެން މިއަދު އެބަހުރިކަން ފާހަގަކުރައްވަމުން ސަރަފްވެރިމެހެމާން ވިދާޅުވީ މިހާރު އޯލެވެލް އޭލެވެލް އަކީ އެއީ އަސާސީ ތައުލީމީ ކަމަށެވެ.
"ތަންކޮޅެއް ކުރީގައި އަޅުގަނޑުމެން ކުޑައިރު އޯލެވެލްގައި ބައިވެރިވެވުނީމާ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް އެއިރު އޯލެވެލް ފާހެއް އޮތުމަކީ ވަރަށް ބޮޑު ކަމެއް. އެހެންނަމަވެސް މިއަދު އޯލެވެލް/އޭލެވެލް އަކީ އަސާސީ ތަޢުލީމެއް. އެއަށް ވުރެން ބޮޑަށް ޑިގްރީ މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ހޯދުމަށްޓަކައި ދަރިވަރުންނާއި އެންމެންވެސް މަސައްކަތް ކުރަމުންދާކަމަށް." މުޖާހިދު ފާހަގަކުރެއްވި އެވެ.
"މާސްޓާސް ޕީއެޗްޑީ ހަދައިގެން ލިބިފައިވާ ސެޓްފިކެޓްތައް ހުންނާނީ ގޭގައި ކަމަށާއި މުޖްތަމައު ހިދުމަތްކުރަން ނިކުންނަނީ މީހާ. ހަގީގަތުގައި އަޅުގަނޑުމެން އެމީހާ އެނެގި މާސްޓާސްއަށް ކިޔެވުމުގެ ފެންވަރާއި މިންވަރު ވަޒަން ކުރެވިގެންދާނީ އަނެކާގެ ކުރިމަތީގައި ދައްކާ ރިވެތި ނަމޫނާއިން" ޝަރަފްވެރި މެހެމާން ވިދާޅުވި އެވެ.
ދަރިވަރުން ހޯއްދެވި ކާމީޔާބީ ފާހަގަކުރައްވަމުން މުޖާހިދު ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް ކިޔަވާނިމި ވަޒީފާގެ މާހައުލަށް ނިކުތް ކަމުގައިވިޔަސް ދަރިވަރުން ލޮބުވެތި ބެލެނިވެރިން ދަރިވަރުން އެންމެ ތުއްތު އިރުން ފެށިގެން އެކޮށްދެއްވި ބޮޑު ގުރުބާނީ ދުވަހެއްގެ ކޮޅުންވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތާ ބަޔަކަށް ދަރިވަރުން ވާންޖެހޭނެކަމަށެވެ.
އަދުގެ ސަރުކާރުން ރާއްޖޭ ތަޢުލީމީ ކުރިއަރުވަން ކުރައްވާ މަސައްކަތް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ތައުލީމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާކަމަށާއި އެއީވެސް މިސަރުކާރުން ތައުލީމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވާ ރައީސަށް ވަނީ ޝުކުރު އަދާކުރެއްވި އެވެ.
އަދި ތައުލީމީ ވަޒީރު ޑރ އައިޝަތު އަލީ ތައުލީމީ ސިޔާސަތު ތަންފީޒުކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެކަމަނާއަށްވެސް މުޖާހިދު ވަނީ ޝުކުރުކުރައްވާފަ އެވެ. އަދި މިރޭ ޖަލާލުއްދީން ސްކޫލް ރަންވަނަތައް ހޯދި ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނާއި ޓީޗަރުންނާއި މެނޭޖްމެންޓުން އެކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ވަނީ މަރުހަބާ ދައްނަވާފަ އެވެ.