ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށީ އެތުލީޓުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
މިމަހު 4-5 އަށް ހުޅުމާލޭގެ ސިންތެރިޓިކް ޓްރެކްގައި ކުރިއަށްދިޔަ މި މުބާރާތަކީ ގައުމީ ސްކޫލު މުބާރާތަކާއި ޖޫނިއަރ މުބާރާތަކުން އެންމެ މޮޅު އެތުލީޓުންނަށް ދައުވަތު ދީގެން އެތުލެޓިކްސް އެސޯސިއޭޝަން ކުރިއަށްދާ މުބާރާތެކެވެ.
މި މުބާރާތުގައި ވާދަކުރި ކުޅުދުއްފުށީ އެތްލީޓުންނަކީ އަޒްނީމް އަހުމަދާއި ހުސެއިން ރިޒާ، ނަޝާ ނިޒާރު އަދި ކުރިއަރަމުން އަންނަ އުންމީދީ ޒުވާން އެތުލީޓް ރިފާ މުހައްމަދެވެ.
މިމުބާރާތުގައި އެންމެ ފާހަގަކުރެވުނީ ހުސެއިން ރިޒާ ހޯދި ކާމިޔާބީއަށެވެ. 800 މީޓަރާއި 1500 މީޓަރު ރޭހުން އޭނާ ވަނީ ގޯލްޑް މެޑަލް ހޯދާފަ އެވެ. ހުސެއިން 1500 މީޓަރުން ގޯލްޑް މެޑަލް ހޯދީ ހަތަރު މިނެޓް 08.24 ސިކުންތުންނެވެ.
ކުޅުދުއްފުށީގެ ސީނިއަރ އަންހެން ދުވުންތެރިޔާ ނަޝާ ވަނީ 200 މީޓަރާއި 100 މީޓަރު ދުވުމުން ސިލްވަރ މެޑަލް ހޯދާފަ އެވެ. ނަޝާއާއެކު ދުވެގެން 100 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދީ ހިމްނާ އެވެ. ހިމްނާ ގޯލްޑް މެޑަލް ހޯދީ 12.54 ސިކުންތުންނެވެ. ނަޝާ ރިހި މެޑަލް ހޯދީ 12.87 ސިކުންތުން ދުވެގެންނެވެ.
ޖަލާލުއްދީން ސްކޫލްގެ ޒުވާން އެތްލީޓް ރިފާ މުހައްމަދު (15އ) ވަނީ 200 މީޓަރު ދުވުމުންނާއި 400 މީޓަރު ދުވުމުން ލޯ މެޑަލް ހާސިލްކުރިއިރު ދިގު ފުންމުމުން ރިފާ ވަނީ ރިހި މެޑަލް ހޯދާފަ އެވެ.
މިއީ މި މުބާރާތް ބާއްވާތާ ދެވަނަ އަހަރެވެ.