ކައުންސިލްތަކުގެ އުމުރު މިހާރު އޮތް ގޮތް ފަސް އަހަރުގެ މުއްދަތަކަށް ބަދަލުކޮށް ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އަދި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވަން ޖެހޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ގެންނަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ލޯކަލް ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ކަމުގައި އޭޖީ އޮފީހުން ހާމަކުރައްވައެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލަށް ވަކިން މެންބަރުން އިންތިހާބުކުރާގޮތަށް މިހާރު އޮތްގޮތް ބަދަލު ކުރުން ހިމެނެއެވެ.
އިތުރަށް ބިލުގައި ބުނެފައިވަނީ މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ އިތުރުން ލާމަރުކަޒީ ގާނުނުށް އިސްލާހު ގެނައުމަށް އޭޖީ އޮފީހުން މިއަދު ވަނީ ރައީސުލްޖުމްހޫރިޔާގެ ވަނީ ފޮނުވާފައެވެ.
ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ ލޯކަލް ކައުންސިލުތަކަށް ބާރުވެރިކުރުވުން ކަމުގައެވެ.
ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.