twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސިއްހީ ހިދުމަތްތެރިންނަށް މިނިސްޓަރުގެ ނަސޭހަތް: އޯގާތެރިކަމާއި އަޅާލުމާއެކު އެންމެ ރަނގަޅު ފަރުވާދީ

އަބްދުލް ވާހިދު ޙަސަން
Oct 12, 2019

އޯގާތެރިކަމާއި އަޅާލުމާއެކު އެތަނެއްގައި ލިބެން ހުރި އެންމެ ރަނގަޅު ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިއްހީ ހިދުމަތްތެރިންނަށް، ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އިލްތިމާސްކުރައްވައިފި އެވެ.

އަތޮޅުތެރޭގެ ހުޅުވި ފުރަތަމަ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވަނީ ވަރަށް މުހިންމު ނަސޭހަފުޅެއް ސިއްހީ ހިދުމަތްތެރިންނަށް ދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތެރިން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ދެވޭ ފަރުވާގެ ފެންވަރާ ދޭތެރެގައި ކަމަށާއި އަދި ސިއްހީ ފަރުވާގެ ހިދުމަތްދޭ ތަންތަނުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭއިރު އޯގާތެރިކަމާއި އަޅާލުމާއެކު ހިދުމަތްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސިއްހީ ހިދުމަތުގައި މަސައްކަތްކުރައްވާ ބޭފުޅުން އެބަޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަން އަޒުމް ކަނޑައަޅަން. ނަރުހުންނާއި ޑޮކްޓަރުން، ސިއްހީ ހިދުމަތްތެރިން. ސިއްހީ ދާއިރާގެ މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން. ދެވޭ ފަރުވާގެ ފެންވަރާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަށް އެބަޖެހޭ. ރަނގަޅު ފަރުވާ، އޯގާތެރިކަމާއި އަޅާލުމާއެކީގައި ދިނުމަކީ ވަރަށް މުހިންމު ކަމެއް." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން މިކަމަށް ސަމާލުވާން ޖެހޭ ކަމަށާއި އަގުބޮޑެތި ވަސީލަތްތަކާއި ޒަމާނީ މެޝިނަރީތަކާއި ފަހުގެ އުސޫލުތަކުގެ ދަށުން ހިދުމަތްދެވޭއިރު އެ ހިދުމަތަކީ ރަނގަޅު ހިދުމަތަކަށްވާން ޖެހޭނެކަމަށެވެ.

"އަޅުގަނޑު ކަށަވަރުކުރަނީ މިއަންނަ ބަދަލުތަކާއެކީގައި ރައްޔިތުންނަށް ރަނގަޅު ސިއްހީ ފަރުވާ ލިބިގެންދާނެކަމަށް." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355