twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑުތިލަދުންމައްޗަށް ހާއްސަކޮށް ނަޝީދުގެ ލޯ ފާރމުގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Oct 13, 2019

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒް މުހައްމަދު ނަޝީދުގެ، ލޯ ފާރމް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުވި މި ލޯ ފާރމް އޮފީހަކީ ނަޝީދުގެ ލޯ ފާރމްގެ އޮފީހުގެ އުތުރުގެ ގޮއްޕެވެ. މި އޮފީހަށް ދީފައިވާ ނަމަކީ "ނަޝީދު އެންޑް ކޯ" އުތުރު ގޮއްޕެއްވެ އެވެ. މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭގައި ތިއްބަވާ ނަޝީދުގެ ލޯ ފާރމްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މާލޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވިދާޅުވީ، މިއަދު ހުޅުވިގެން މިދިޔައީ އެ އޮފީހުގެ އުތުރު ގޮފި ކަމަށާއި ދެކުނު ގޮފި ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ދެކުނު ގޮފި ހުޅުވުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އޮފީސް ހުޅުވީ މައިގަނޑު ދެތިން ކަމެއް ވެގެން. އަބަދުވެސް މި އިވެނީ ރަށްރަށުން ވަކީލަކު ނުލިބިގެން ވަކީލަކު ހޯދަން މާލެ އަންނަ ޖެހޭ ވާހަކަ. ވަކީލަކާ ދިމާނުވެގެން މީހުންނަށް ވަރަށް ދެރަ ގޮތް މެދުވެރިވާ ވާހަކަ އަޑުއިވޭ." ފުންނާބުސް ގާނޫނީ ވަކީލް ނަޝީދު ވިދާޅުވި އެވެ.

ރަނގަޅު ގާނޫނީ ލަފާ ނުލިބި ގިނަ ބަޔަކަށް ދެރަ ގޮތްތައް ދިމާވާކަން ތަޖުރިބާއިން ފެނަށްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މަދަނީ މައްސަލަތަކުގައިވެސް ދައްކަން ނުޖެހޭ ފީ ދައްކަން ޖެހުމާއީ ދައްކަން ނުޖެހޭ ދަރަނި ދައްކަން ޖެހިފައި މީހުންނަށް އެބަހުރި ކަމަށެވެ. އަދި އެކަށީގެންވާ ގާނޫނީ ލަފާ ނުލިބި ޖިނާއީ މައްސަލަތަކުގައި ބެދެން ނުޖެހޭ މައްސަލަތަކުގައިވެސް ބައެއް ފަރާތްތަކުން ބެދި، ދެރަ ގޮތްތައް ދިމާވެފައި ހުރިކަން ފާހަގަކުރެއްވި އެވެ.

ވިޔަފާރިތަކާއި މީރާއާ ދެމެދުގައި އޮންނަ ގުޅުމަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، މިރާއަށް ހުށަހަޅަން ޖެހޭގޮތަށް ވިޔަފާރިތަކުގައި ލިޔެކިޔުންތައް ހުށަނޭޅި، ބައެއް ފަހަރު ބޮޑެތި އަދަދުތަކުން ވިޔަފާރިތައް މީރާއިން ޖޫރިމަނާކޮށް، އެކަމުގެ ހިތި ފެންނަމުން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދުގެ މި ލޯ އޮފީހުން މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކާއި ވިޔަފާރީގެ މައްސަލަތައް އަދި އާއިލީ މައްސަލަތަކުގައި ގާނޫނީ ލަފާ ލިބޭނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހއ،ހދ އަދި ށ އަތޮޅުގެ 44 ރަށަށް ހިދުމަތް ދެވޭގޮތް ހެދުން. މީހުންނަށް މާލެ އަންނަ ނުޖެހި މި އޮފީހަށް އައުމުން، ވަކީލުން މެދުވެރިކޮށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވި އުތުރު ގޮފީގެ އޮފީސް ދެ ވަކީލުންނާއެކު މަސައްކަތް ފެށިކަމުގައިވިޔަސް މިބަލަނީ ބޮޑުތިލަދުންމަތީގައި ތިބި ގާނޫނީ ވަކީލުންނަށް އެ ބޭފުޅުންނާ ގުޅިގެން ވަކާލާތު ކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"އެކިއެކި ސަބަބުތަކާ ހެދި މާލެއަށް ވަޑައިނުގެންނެވި، ވަކާލާތު ނުކުރެއްވި ރަށްރަށުގައި ތިއްބެވި ވަކީލުންނަށް މި އޮފީސް މެދުވެރިކޮށް ފުރުސަތުތައް ހޯދައިދޭނަން. އޭރު މި ސަރަހައްދުގެ ހުރިހާ ރަށްތަކަށް ފަސޭހަކަމާއެކު މި ހިދުމަތް ފޯރުކޮށްދެވިގެންދާނެ." ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހުރެގެން މާލޭގައި މަސައްކަތްކުރާ ވަކީލުންނާވެސް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި ވަކީލަކު ހޯދުމަކީ ފަސޭހައިން ކުރެވޭކަމަށް ހެދުން އެއީ މައިގަނޑު އެއް މަގުސަދުކަމަށެވެ. މި ހިދުމަތް މާލޭގައި ދެވޭ ފެންވަރުގައި އަތްފޯރާ އަގެއްގައި ހިދުމަތް ދެވޭގޮތް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ރާއްޖޭގައި މިއަދު ތިއްބެވި ތަޖުރިބާކާރު ގާނޫނީ ބޭފުޅުންގެ ޓީމެއްގެ ލޯ އޮފީހެއް ރަށުގައި ހުޅުވިގެން ދިޔުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން ކުޅުދުއްފުއްޓާއި މިސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

ހައިކޯޓް އުތުރު ގޮއްޕާއި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަކީލުންގެ އެހީތެރިކަން ވަރަށް ބޮޑަށް ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ. އެކަމަކު މިވީހާތަނަށް ވަކީލުން ގެންނަމުންދިޔައީ މާލޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ތަޖުރިބާކާރު ވަކީލުންގެ ޓީމެއްގެ އެހީތެރިކަން ރަށުގައި ތިބެގެން ލިބެން ފެށުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ލޯ ފާރމަކީ އެތައް އަހަރެއްގެ ޤާނޫނީ ތަޖުރިބާއާއެކު، މިހާރުވެސް ހިދުމަތުގައި ދެމިތިބި، ޤާނޫނީ ވަކީލުންގެ ޓީމެކެވެ. މާލޭގައި ގާނޫނީ ހިދުމަތްދޭ ލޯ ފާރމްތަކުގެ ތެރެއިން އިސް ސަފުގައި ގުނާލެވޭ ލޯ ފާރމެކެވެ. މާލޭގައި ގާއިމުވެތިބެ ގާނޫނީ ހިދުމަތްދޭ އޮފީސްތަކުގެ ތެރެއިން، ރާއްޖޭގެ އެހެން ހިސާބެއްގައި ގޮފި ހަދާ ފުރަތަމަ އޮފީހެވެ.

މި އޮފީހުން ދޭ ބައެއް ހިދުމަތްތައް

1- ވިޔަފާރީގެ ކަންކަން

  • ޤާނޫނީ ފޯމު ފުރައިދިނުން.
  • ޤާނޫނީ ލަފާދިނުން.
  • ވިޔަފާރި ފެށުމަށް ބޭނުންވާ އޮނިގަޑު (ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި) އިޚްތިޔާރުކުރުމުގައި ލަފާދިނުން.
  • ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި، އުފެއްދުމުގައި އެހީތެރިވެދީ. ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން.
  • ވިޔަފާރި ނަން ރަޖިސްޓްރީ ކުރުމުގައި އެހީތެރިވެދިނުން.
  • ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލަދިނުން.
  • ބިމާއި އިމާރާތް ކުއްޔަށްހިފުމުގެ އެއްބަސްވުންތައް އެކުލަވާލަދިނުން.
  • ލޯނަށް އެދޭ ލިޔުންތައް ތައްޔާރުކޮށްދިނުން.
  • ބިޑުހުށަހެޅުމުގެ ލިޔުންތައް ތައްޔާރުކޮށްދިނުން.
  • ޓެކްސް މައްސަލަތަކުގައި އެހީތެރިވެދިނުން.

2- މަދަނީ ކަންކަން

  • ފަރުދީ ކަންކަމުގައި ލޯނަށް ހުށަހެޅުމަށް އެހީތެރިވެދިނުން؛
  • ލޯނުގެ ލިޔުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވެދިނުން؛
  • ލިޔުންތަކުގައި ވަކީލުންގެ ތައްގަޑު ޖަހަންޖެހޭ ހާލަތުގައި ތައްގަނޑު ޖަހައިދިނުން؛
  • ޕަވަރ އޮފް އެޓަރނީ ހަދައިދީ ރަޖިސްޓްރީކުރުމުގައި އެހީތެރިވެދިނުން؛
  • އާއިލީ މައްސަލަތަކުގައި މީހުން ތަމްސީލުކޮށްދީ، އެހީތެރިވެދިނުން؛
  • ވާރުތަ މައްސަލަތަކާއި ގޯތިގެދޮރާއި ބިމުގެ މައްސަލަތަކުގައި މީހުން ތަމްސީލުކޮށްދީ، އެހީތެރިވެދިނުން؛
  • މަދަނީ މައްސަލަތަކުގައި މީހުން ތަމްސީލުކުރުމާއި، ކޯޓަށް ހާޒިރުވުމާއި ވަކާލާތު ކޮށްދިނުން؛
  • ވަޒީފާގެ ކަންކަމުގައި ޓްރައިބިޔުނަލުގައި ތަމްސީލުކޮށްދީ، ހާޒިރުވެ ވަކާލާތު ކޮށްދިނުން.

3- ޖިނާއީ ކަންކަން

  • ކުށުގެ ތުހުމަތު ކުރެވި ހިންގޭ ތަޙްޤީޤުގައި ވަކީލެއްގެ އެހީތެރިކަންފޯރުކޮށްދިނުން.
  • ބަންދު ގެ ހާލަތުގައި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޝަރީޢަތްހިންގޭ މަރުހަލާތަކުގައި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން.

ނަޝީދު ވިދާޅުވީ އެ ފަރާތުން ބޭނުމަކީ ގާނޫނީ ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. އެކަށީގެންވާ އަވަސްމިނުގައި، އިތުބާރު ހިފޭގޮތަށް، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމާއި މުވައްކިލަށް ލުއިފަސޭހަވާނެ ގޮތް ހަދައިނުމެވެ. މިއޮފީސް ހުންނާނީ މާލިހާމަގު، މުސްތަރީގޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355