• ރަށުން ބޭރުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން ކޭއާރުއެޗާ ގުޅުމަށް އެދިލެއްވި
• ބޭނުންވާ ތަރައްގީ ލިބޭނީ މުވައްޒަފުން ގުޅިގެން ހީވާގިކަމާއެކު މަސައްކަތްކޮށްގެން
ކޮންމެ މީހަކުވެސް އެމީހަކު ވަޒީފާގައި ހޭދަވާ ވަގުތަކީ އަމިއްލަ ނަފްސަށްވެސް ތެދުވެރިވާ ވަގުތެއްކަމުގައި ހަދަން އެބަޖެހޭކަމަށް ދާދިފަހުން އުތުރުގެ މައި ހޮސްޕިޓަލް، ކޭއާރުއެޗްގެ ހިންގުމާ ހަވާލުވެލެއްވި މެނޭޖަރ ހެލްތް ސާވިސް އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ މިއަދު މި ދެކެން ބޭނުންވާ ތަރައްގީ ހޯދުމަށްޓަކާ މިހެން ތިބެވޭކަށް ނެތް ކަމަށެވެ.
"ހެނދުނު 8 ޖަހާއިރު ޑިއުޓީއަށް ގޮސްފަ، 2 ޖަހާއިރު ނިންމާލައިގެން ކަމަކު ނުދާނެ. ޑިއުޓީގައި ހޭދަ މިކުރާ 8 ގަޑިއިރުން މިކަން އަދި ކޮށްލެވޭކަށް ނެތް. އެހެންވުމުން އަޅުގަނޑުމެން އެބަޖެހޭ އިތުރަށް މަސައްކަތްކުރަން. ވަޒީފާގައި މިހޭދަވާ ވަގުތަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވެސް ތެދުވެރިވާ ވަގުތެއްކަމުގައި އެބަޖެހޭ ހަދަން." އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަމެއް ކާމިޔާބުކުރެވޭނީ ހީވާގިކަމާއެކު ބުރަ މަސައްކަތްކޮށްގެން ކަމަށާ އެހެން ނޫންނަމަ ދެކެން ބޭނުންވާ ތަރައްގީ ނުފެންނާނެ ކަމަށެވެ.
"އެހެންވުމުން އަޅުގަނޑާއެކު މަސައްކަތް ކުރަން ތިބި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އިތުރަށް އެތިކޮޅެއްލާފަ ނަމަވެސް މަސައްކަތްކޮށްލަށް ދެއްވާށޭ. އޭރުންނޭ މިތަރައްގީ ގެނެވޭނީ." އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި މަދު ދުވަސްކޮޅުގެތެރޭގައި ހެލްތް މިނިސްޓަރާ ވަރަށް ގިނަ ފަހަރު ބައްދަލުކުރެވިފައިވާ ކަމަށާ އެމަނިކުފާނު ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅޭ ސިޔާސަތު ވަރަށް ގާތުން ފެނިލައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރު ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހިތްހަމަޖެހޭ ސިޔާސަތެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މި ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެންމެންހާ ފަރާތްތަކަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަން ދިން އެންމެ ފުރިހަމައަކަށް މިސަރަހައްދުގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް އެންމެންހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މިނިސްޓްރީގެ މުވައްޒަފުންގެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިސަރަހައްދުގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ސިއްހީ ދާއިރާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ ގިނަ ބަޔަކު ކުޅުދުއްފުއްޓަށް ނިސްބަތްވާކަން ފާހަގަކުރައްވަމުން އަހުމަދު ވިދާޅުވީ އެފަދަ ފަރާތްތަކަށް ކޭއާރުއެޗުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާ އެބޭފުޅުންގެ އިލްމާއި ތަޖުރިބާ ރަށާއި ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގައި އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅުދުއްފުއްޓަކީ ސިއްހީ ދާއިރާގެ މަތީ ތައުލީމް ހާސިލްކޮށްފައިވާ ގިނަ ބޭފުޅުންތަކެއް ތިބި ރަށެއް، ޑޮކްޓަރުންނާއި ނަރުހުންނާއެކު ގިނަ ބޭފުޅުންތަކެއް އެބަތިބި. ރަށުގައި ބައެއް ފަރާތްތަކުން ހިދުމަތް ކުރައްވަމުން ގެންދަވާއިރު ގިނަ ޑޮކްޓަރުން ހިދުމަތްކުރަމުން ގެންދަވަނީ މާލޭގައި. އަދި މިހާރުވެސް ބައެއް ބޭފުޅުން(ޑޮކްޓަރު) ތައުލީމު ހާސިލްކުރަމުން އެބަދޭ. ރަށުގެ ސިއްހީ ނިޒާމު އަދި ދާއިރާގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކާ އަޅުގަނޑުމެންނާއެކު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ މި ފުރުސަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ." އަހުމަދު ވިދާޅުވި އެވެ.
އަދި ހޮސްޕިޓަލުގައި ތަރައްގީއަށާއި ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.