ހދ ނޮޅިވަރަމުން 8 އަހަރަށް ފަހު 75 ގެވަޅު ދޫކޮށްފި އެވެ. އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ވިދާޅުވި މިހާރު ގެވަޅު ލިބޭ ފަރާތްތަކަށް ޕޮއިންޓު ދީ ގުރުއަތުލުންވެސް ނިންމާފައިވާ ކަމަށެވެ.
ގެވަޅު ދޫކުރުމަށް ނިންމާފައިވަނީ އެރަށު ބަނދަރަށް ނުކުންނަ މަގު (އަޅިވިލާމަގު)ގެ ދެ ފަރާތުންނެވެ. އެގޮތުން މަގުގެ އެއް ފަޅިން 4 ބްލޮކް އަނެއް ފަޅިން 6 ބްލޮކުން ގެވަޅު ދިނުމަށް ނިންމާފައިވާއިރު ކޮންމެ ބްލޮކެއްގައި ހިމެނޭނީ 8 ގެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެންމެ ފަހުން އެރަށުން 2011 ވަނަ އަހަރު އެރަށުން ގެވަޅު ދޫކޮށްފައިވަނީ ވެސް މި ސަރަހައްދުންނެވެ. އެ ސަރަހައްދު ރަޖިސްޓްރީކޮށްފައިވަނީ އިރުމަތި އަވަށުގެ ގޮތުގައެވެ.
2011 ވަނަ އަހަރު ދޫކޮށްފައިވަނީ 3000 އަކަފޫޓްގެ 172 ގެވަޅެވެ. މި ފަހަރުވެސް ދޫކުރަން ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ ގެވަޅެވެ. މި ފަހަރު ގެވަޅަށް އެދި 283 މީހުން ފޯމްލާފައިވާއިރު މިހާރު ވަނީ ގެވަޅު ލިބުނު ފަރާތްތަކަށް ގެވަޅު ލިބުނު ސަރަހައްދާ ބްލޮކުގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.
މި އަހަރު މިދޫކުރި 75 ގޯއްޗަކީ މި އަހަރު ޖެނުއަރީ މަހު އިއުލާންކޮށް ފޯމްލާފައިވާ ގެވަޅުތަކެއްކަން ފާހަގަކޮށްލެވެެއެވެ. މި ގެވަޅުތައް ދިނުމުގެ ހުއްދަ ކައުންސިލަށް ދީފައިވަނީ 2018 ވަނަ އަހަރުއެވެ. އެގޮތުން ގެވަޅުގެ ދިނުން ލަސްވެގެން މި އަހަރު ޖޫން މަހު ވަނީ އެރަށު ރައްޔިތުން ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.
ނޮޅިވަރަމަކީ ހދ އަތޮޅުގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.